ކޮނާޑް ކައުންސިލް ވޮލީ ފިއެސްޓާ ބުދަ ދުވަހު ފަށަނީ

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ކޮނާޑް ކައުންސިލް ވޮލީ ފިއެސްޓާ ބުދަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
4 އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު މުބާރާތް ބާއްވާއިރު، އަންހެން ޑިވިޝަނުން 5 ޓީމު އަދި ފިރިހެން ޑިވިޝަނުން 3 ޓީމު ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 އަދި ރަނަރަޕް ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އަންހެން ޑިވިޝަނުގެ ގުރުޕު އޭ ގައި ހިމެނެނީ ސްޓާލިޓް، ޑީޑީއެފް ދޫނީސް އަދި ފީނިކްސް އެވެ. ގުރޫޕު ބީ ގައި ހިމެނެނީ ޓީމް އަޒުމް އަދި ޑީޑީއެފް ގަރލްސް ޖެނެރޭޝަން އެވެ.
ފިރިހެން ޑިވިޝަނުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. އެޔަށްފަހު، ފައިނަލުގައި ކުޅޭނީ އެއްވަނަ އަދި ދެވަނަ ޓީމެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ދަ ގުރޫޕް، ސިޓިޒަން ސްޕޯޓްސް ކްލަބް އަދި އެންމެ ފަހުގެ ޗެމްޕިއަން ކޭއެމް ސްޕޯޓްސް ކްލަބެވެ.
ބުދަ ދުވަހުގެރޭ މުބާރާތް ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަންހެން ޑިވިޝަނުގެ ސްޓާލެޓް އާއި ޑީޑީއެފް ދޫނީސް އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ފިރިހެން ޑިވިޝަނުގެ ސިޓިޒެން އާއި ކޭއެމް އެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޯންސަރަކީ ކޮނާޑް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރ އަކީ ލާމު އެމްވީ އެވެ.