ކުދި އާބާދީތަކުގެ ރަށްރަށުގެ ކައުންސިލަރުން މަދުކުރުމަށް ފާސްކޮއްފި
Kudhi aabaadheethakuge rahrashuge counselor in madhukurumah faaskoffi

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން، ކުދި އާބާދީތަކުގެ ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ހުށަހެޅުނު ބިލު ފާސްކޮށްފިއެވެ. މި ބިލު ފާސްކުރުމާއެކު، ރަށްރަށުގެ ކައުންސިލްތަކުގެ ޤާނޫނަށް ވަނީ މުހިންމު ބަދަލުތަކެއް އައިސްފައެވެ.
ފާސްކުރެވުނު ޤާނޫނުގައިވާ ގޮތުން، 2000 އަށްވުރެ ކުޑަ އާބާދީތަކުގެ ރަށްރަށަށް ތިން ކައުންސިލަރުން ހޮވާނެއެވެ. އަދި 2000 އަށްވުރެ ބޮޑު އާބާދީތަކުގެ ރަށްރަށަށް ފަސް ކައުންސިލަރުން ހޮވާނެއެވެ. މީގެކުރިން އާބާދީއަށް ބެލުމެއްނެތި ހުރިހާ ކައުންސިލްތަކަށްވެސް ކަނޑައެޅިފައިވާ އަދަދަކަށް ކައުންސިލަރުން ތިބެމުން ދިޔައިރު، މި ބަދަލާއެކު އާބާދީގެ ކުޑަބޮޑުމިނަށް ބަލައި ކައުންސިލަރުންގެ އަދަދު ތަފާތުވާނެއެވެ.
މީގެއިތުރުން، މި ޤާނޫނުގައި ވަނީ، ރަށްރަށުގައި ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ހުއްދަ ހޯދުމަށް ކައުންސިލްތަކަށް ހުށަހެޅުމަށްފަހު، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހުއްދަ ނުލިބޭނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ހުއްދައާއެކު އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެގޮތަށް ހިމަނާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މިއީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ، މާލީ ގޮތުން ސަރުކާރަށް ކުރާ ބުރަ ކުޑަކުރެވޭނެކަމެއް ކަމަށެވެ.




