ގަމުގައި ޤާއިމްކުރާ ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒު ހިމެނޭ ސަރަހައްދު ސާފުކުރަން ފަށައިފި

ލ. ގަމުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒު ހިމެނޭ ސަރަހައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ބިން ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ އާދީއްތަ ދުވަހު އެވެ. މި މަސައްކަތް ކުރިޔަށްދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ އެހީތެރިކަމާއެކުގަ އެވެ.
ގަމުގައި ޤާއިމްކުރާ މި މަރުކަޒު ހެދުމުގެ މަސައްކަތް، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހަވާލުކޮށްފައިވަނީ އެލައިޓް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ އެވެ. މާރިޗު މަހު މި މަސައްކަތް ހަވާލުކޮށްފައިވާއިރު، މަސައްކަތް ނިންމުމަށް ލިބެނީ 180 ދުވަހެވެ.
މި މަރުކަޒު ނިމުމާއެކު، ގަމުގައި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުނި ނައްތާލުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ. މި މަޝްރޫޢަކީ ވޯލްޑް ބޭންކް ގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.