މާބައިދޫ އަތުން އެއްވަރުވި ނަމަވެސް ގަން ފައިނަލަށް!
Maabaidhoo athun ehvaruvi namaves Gan Final a!

މިހާރު ކުރިއަށްދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގައި ލ. މާބައިދޫ އާއި ލ. ގަން ބައްދަލުކުރި މެޗު އެއްވަރުވި ނަމަވެސް ގަމަށް ފައިނަލުގެ ޖާގަ ޔަގީންވެއްޖެ އެވެ.
މި މުބާރާތުގައި ގަމުން ކުޅުނު ފުރަތަމަ މެޗުގައި ފޮނަދޫގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާ އަކުންނެވެ. އެކަމަކު ދެވަނަ މެޗުގައި ކުނަހަންދޫއާ 0-0 ގެ ނަތީޖާ އަކުން ވަނީ އެއްވަރުވެފަ އެވެ.
މި މުބާރާތުގައި މާބައިދޫ އަށް މިހާތަނަށް މޮޅެއް ލިބިފައި ނުވެ އެވެ. ފުރަތަމަ މެޗުގައި ކުނަހަންދޫ އަތުން 1-0 ގެ ނަތީޖާ އަކުން ބަލިވިއިރު، ދެވަނަ މެޗުގައި ފޮނަދޫއާ 0-0 ގެ ނަތީޖާ އަކުން ވަނީ އެއްވަރުވެފަ އެވެ.
މިއަދު ހަވީރު ލ.ގަން ޒޯން ސްޓޭޑިއަމްގައި މާބައިދޫ އާއި ގަން ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާ އަކުންނެވެ.
މި ނަތީޖާއާއެކު، ގަން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ އެއް މެޗު އިތުރަށްކުޅެ ލިބުނު ފަސް ޕޮއިންޓާއެކުގަ އެވެ. ދެވަނައިގައި އޮތް ކުނަހަންދޫ އަށް ދެ މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި މާބައިދޫ ތިންވަނައިގައި އޮތީ ތިން މެޗުން ދެ ޕޮއިންޓް ހޯދައިގެންނެވެ.
އެފްއޭއެމް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގައި ލ. އަތޮޅުން ބައިވެރިވެފައި ވަނީ ކުނަހަންދޫ، މާބައިދޫ، ފޮނަދޫ އަދި ގަމެވެ.
މި ފަހަރުގެ އަތޮޅު މުބާރާތުގެ އޮނިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފަ އެވެ. އެގޮތުން ގެނައި އެންމެ ބޮޑު ބަދަލަކީ ފުރަތަމަ ޑިވިޝަނަށް އާދެވޭ ގޮތަށް ހަތަރު ރީޖަން އަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދިޔުމެވެ.
މާދަމާ ކުޅޭ ލީގު ބުރުގެ ފަހު މެޗުގައި ކުނަހަންދޫ ނުކުންނާނީ ފޮނަދޫއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މާދަމާ ހަވީރު 15:50 ގަ އެވެ.




