ޕެނަލްޓީގައި ކުނަހަންދޫ ބަލިކޮށް ލ. އަތޮޅު ޗެމްޕިއަންކަން ގަމަށް!
Penalty gai Kunahandhoo balikoh L. Atholhu Champion kan Gamah

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ބޭއްވި ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގެ ލ. އަތޮޅު ޗެމްޕިއަންކަން، ޕެނަލްޓީގައި ކުނަހަންދޫ ބަލިކޮށް ލ. ގަމުން ހޯދައިފި އެވެ.
މި މުބާރާތުގެ ލީގު ބުރުގައި މި ދެ ޓީމު ކުޅުން މެޗު ނިމުނީ 0-0 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ. އިއްޔެ ހަވީރު ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. އަދި ޕެނަލްޓީގައި ގަން ކުރިހޯދީ 4-3 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީގު ނެގީ ގަމުންނެވެ. މެޗުގެ 42 ވަނަ މިނިޓްގައި މި ގޯލު ގަމަށް ޖަހައިދިނީ އަލީ އަރުޝަދު އެވެ. އެކަމަކު މެޗުގެ 62 ވަނަ މިނިޓްގައި ކުނަހަންދޫ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ އިބްރާހީމް ޝުހައިލް އެވެ.
ޕެނަލްޓީގައި ގަމު ކުޅުންތެރިން ވަނީ އެ ޓީމުން ޖެހި ހުރިހާ ޕެނަލްޓީ އެއް ކާމިޔާބު ކޮށްފަ އެވެ. ގަމުން ޕެނަލްޓީ ޖެހީ އަބްދުﷲ ޝުއާއު، ތާއިއު އަބްދުލް ހަކީން، އަލީ އަރުޝާދު، ހުސެއިން ނާޝިދު (ނާއްޓޯ) އެވެ.
ޕެނަލްޓީގައި ކުނަހަންދޫ އިން ޖެހި ހަތަރުވަނަ ޕެނަލްޓީ ގަމުގެ ކީޕަރު ވަނީ މަތަ ކޮށްފަ އެވެ.
ފައިނަލަށް ނުކުތްއިރު ވެސް ގަން އަދި ކުނަހަންދޫ އަށް ރީޖަން މުބާރާތުން ޖާގަ ވަނީ ލިބިފަ އެވެ.
އެފްއޭއެމް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގައި ލ. އަތޮޅުން ބައިވެރިވެފައި ވަނީ ކުނަހަންދޫ، މާބައިދޫ، ފޮނަދޫ އަދި ގަމެވެ.
މި ފަހަރުގެ އަތޮޅު މުބާރާތުގެ އޮނިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފަ އެވެ. އެގޮތުން ގެނައި އެންމެ ބޮޑު ބަދަލަކީ ފުރަތަމަ ޑިވިޝަނަށް އާދެވޭ ގޮތަށް ހަތަރު ރީޖަން އަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދިޔުމެވެ.




