އީސީ އިން ލޯކަލް ކައުންސިލް އިންތިހާބު އާ ގުޅިގެން ޓިކްޓޮކް މުބާރާތެއް ބާއްވަނީ
Ec in local council inthihaabu aa gulhigen tiktok mubaaraatheh baahvanee

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ޓިކްޓޮކް މުބާރާތެއް ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަން އިން ހުޅުވާލައިފިއެވެ.
އީސީ އިން ބުނީ މި މުބާރާތުގެ މަގުސަދަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، އިންތިޚާބުގެ އެކިއެކި މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ. އަދި އިންތިޚާބާ ގުޅިގެން މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރުމަށް ފަރުދީގޮތުން ބައިވެރިވުމަށް ހިތްވަރުދިނުން ކަމުގައި ވެސް އީސީ އިން ވަނީ ބުނެފައެެވެ.
މި މުބާރާތުގައި އުމުރުބް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ. ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން، 2025 ޑިސެންބަރު 31 ވާ ބުދަ ދުވަހުގެ 15:00ގެ ކުރިން، އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓަރ ވުމަށް ވަނީ ހުޅުވާލާފައެވެ.
އެގޮތުން މުބާރާތުގައި އަމިއްލަ ފަރުދަކަށްވެސް އަދި ޓީމެއްގެ ގޮތުގައިވެސް ބައިވެރިވެވޭނެއެވެ.
އީސީ އިން ބުނީ، މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ޓިކްޓޮކް ޕްލެޓްފޯމަށް އެންމެ އެކަށޭނަ ގޮތަށް، މަދުވެގެން 30 ސިކުންތާއި ގިނަވެގެން 90 ސިކުންތުގެ ދިގުމިނަށް ވީޑިއޯ ތައްޔާރުކުރުމަށް ހަތަރުމަޢުޟޫއެއް ދެވޭނެ ކަމަށެވެ.
މައުޟޫތައް:
- ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތައް،
- އިންތިޚާބެއްގެ ތެރޭގައި ކޮށްގެންނުވާނެ ކަންކަން،
- ރަށު/ސިޓީ އަށް ޙާއްސަ އިންތިޚާބުތަކުގައި (ލޯކަލް ކައުންސިލްތައް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ) ވޯޓުލުމުގެ މުހިއްމުކަން އަދި
- އިންތިޚާބުގެ ދުވަސްވަރު ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމާއި އެކިއެކި މަސްދަރުތަކުން ލިބޭ މަޢުލޫމާތުގެ ޞައްހަކަން ކަށަވަރުކުރުމުގެ މުހިއްމުކަން.
މުބާރާތުގައި ވާދަކޮށް ހުށަހަޅާ ވީޑިއޯތަކުގެ ތެރެއިން، އެންމެ ގިނަ މާރކްސް ލިބޭ ވީޑިއޯތަކަށް ބަލައި، އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން، އެއްވަނަ އަށް 5000 ރުފިޔާ، ދެވަނަ އަށް 3000 ރުފިޔާ، ތިންވަނަ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް އީސީ އިން ވަނީ ނިންމާފައެވެ.
މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރކުރާ ޓީމުތަކުންތައްޔާރުކުރާ ވީޑިއޯތައް، 2026 ޖަނަވަރީ 10 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް އީސީ އިން ވަނީ އެދިފައެވެ.
މި މުބާރާތުގެ ގަވާއިދު އީސީގެ ރަސްމީ ވެބްސައިޓް އިން ފެންނާނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 1414 އަށެވެ.




