ފަސް ސެޓު ކުޅެ ހުރާ އަތުން މާބައިދޫ ބަލިވެއްޖެ!
5 set kulhe Huraa athun Maabaidhoo balivejje!

މިހާރު ކުރިއަށްދާ ވީއޭއެމް ރާއްޖެ ސުޕަ ލީގުގައި ކ. ހުރާ އަތުން ފަސް ސެޓު ކުޅެ ލ. މާބައިދޫ ބަލިވެއްޖެ އެވެ.
މި މުބާރާތުގައި ލ. އަތޮޅުން ދެ ޓީމު ވަނީ ބައިވެރިވެފަ އެވެ. އެއީ ލ. ގަމުގެ އިތުރުން މާބައިދޫ އެވެ. މި މުބާރާތުގައި ގަން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވެސް ވަނީ ށ. ފުނަދޫ އަތުން3-2 ސެޓުން ބަލިވެފަ އެވެ.
އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ސެޓުތައް ދިޔައީ،19-25،25-23.25-17،25-14 އަދި15-12 އިންނެވެ.
މި މެޗުގައި މާބައިދޫގެ ޖޫޒާން ޒަރީރް އަދި އާމިނަތު އަރީޝާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ހުރާގެ ތަފާތަކަށްވީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަރިއާނާ ޝެފިލް އެވެ.
މި މުބާރާތުގައި މާބައިދޫ އިން ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ ދ. މާއެނބޫދޫއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ މާދަމާ ރެޔެވެ.
މިއީ މި ފަހުން ވީއޭއެމް އިން އަތޮޅުތަކަށް ހުޅުވައިލާގެން ބޮޑު މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ އަންހެން ގައުމީ ޓީމަށް ބަލާއިރު، ލ. އަތޮޅު ކުޅުންތެރިން ސީނިއާ އަންހެން ގައުމީ ޓީމުގައި ގިނަ އެވެ.




