ލާމު ފައިނަލުގައި މި ފަހަރުވެސް ގަމާއި އިސްދޫ
Laamu finalgai mifaharuves Gamaai isdhoo

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ލާމު އަތޮޅު ފައިނަލުގައި މި ފަހަރުވެސް އިސްދޫ އާއި ގަން ވާދަކުރަން ޖެހިއްޖެ އެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގްރޫޕް ސްޓޭޖުގައި ވެސް މި ދެ ޓީމު ވަނީ ވާދަކޮށްފަ އެވެ. އެ މެޗު އިސްދޫ އިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ވެސް މި ދެ ޓީމު ވަނީ ވާދަކޮށްފަ އެވެ. އެ ފަހަރު ގަން ބަލިކޮށް އިސްދޫ އިން ވަނީ އަތޮޅު ޗެމްޕިއަންކަން ހޯދައިފަ އެވެ.
ގަމުން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން، މާވަށް 4-1 ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ގަމުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މާވަށުގެ އަހުމަދު މުހައްމަދު ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ޕެނަލްޓީގައި ގަމުގެ ތަފާތަކަށްވީ އެ ޓީމުގެ ކީޕަރު މުހައްމަދު ރަޝީދު (ޓޭޓު) އެވެ. އޭނާ ވަނީ މާވަށުން ޖެހި ތިން ޕެނަލްޓީ ދިފާއު ކޮށްފަ އެވެ. ގަމުން ވަނީ އެ ޓީމުން ޖެހި ތިން ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ. ގަމުގެ ޕެނަލްޓީތައް ޖަހައިދިނީ އައްމަޑޭ، އަލީ ސާމިސް (ތޮއްޕެ) އަދި މުހައްމަދު ޖިނާހު އެވެ.
އިސްދޫ އިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލުގައި މުންޑޫގެ މައްޗަށް 6-0 ގެ ނަތީޖާ އަކުން ކުރިހޯދައިގެންނެވެ.
މި މެޗުގައި އިސްދޫގެ ލޫތު އަހުމަދު ފަތުހީ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އޭގެ އިތުރުން އިސްދޫގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ޝިރުފާން ރަޝީދު، އަލީ މީސާގު އީސާ، ހޫދު އަހުމަދު ފަތުހީ އަދި އަލީ ހުމޭޒު އެވެ.
މި މުބާރާތުގެ އަތޮޅު ފައިނަލުން ގަން އަދި އިސްދޫ ޖާގަ ހޯދައިފައިވާއިރު، އެ ދެ ޓީމަށް ވަނީ ޒޯނު ބުރުން ވެސް ޖާގަ ލިބިފަ އެވެ. ލާމު އަތޮޅު ފައިނަލް ކުޅޭނީ މި މަހު21 ގަ އެވެ.




