ބޫޓާން ބަލިކޮށް ރާއްޖެއިން ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
Bhutan balikoh Raajje in furathama SAFF Futsal Championship kaamiyaabu kohffi

ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި އިތުރު އެއް މެޗު އޮއްވައި ރާއްޖެއިން ޗެމްޕިއަންކަން ހޯދައި ތާރީހުން ޖާގަ ހޯދައިފި އެވެ.
މި ފަހަރުގެ މުބާރާތުގައި ހަތް ޓީމުން ބައިވެރިވިއިރު، ރާއްޖެ އިން ލީގު ކާމިޔާބުކުރީ ފަނަރަ ޕޮއިންޓް ހޯދައިގެންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބޫޓާނުންނެވެ. ރާއްޖޭގެ އެޓޭކެއް ހުއްޓުވުމަށްފަހު ކައުންޓާގައި ލިބުނު ފުރުސަތުގައި މި ގޯލު ބޫޓާނަށް ޖަހައިދިނީ ޖިގްމޭ ސްލްޓްރިމް އެވެ. މި ލަނޑާއެކު ރާއްޖޭގެ ޓީމުން ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ ކުރި މަސައްކަތުގައި ގިނަ ފުރުސަތުތަކެއް ރާއްޖޭގެ ޓީމުން ވަނީ ތަނަވަސްކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަބްދުﷲ ޖުނައިދު (ޖެންނޭ) އޭރިއާ ބޭރުން އެޓޭކްތަކެއް ކުރި ނަަމަވެސް ގޯލާ އަމާޒުނުވެ ވަނީ ބޭރުވެފަ އެވެ.
އެކަމަކު ފުރަތަމަ ހާފު ނިމެން މިނިޓެކަށްވެފައި ހުއްޓަ އޭރިއާ ބޭރުން ޖެންނޭ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ރާއްޖެއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މި މެޗުގައި ރާއްޖެއިން ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނިޓްގަ އެވެ. މިއީ ލިބުނު ހިލޭ ޖެހުމަކުން އަހުމަދު ހަލީމް ޖަހައިދިން ގޯލެކެވެ.
އޭގެ ފަހުން މެޗު ނިމެން ތިންވަނަ މިނިޓެއް ވެފައި ވަނިކޮށް ރާއްޖޭގެ ކެޕްޓަން މުހައްމަދު އިމްރާން ވަނީ ގޯލު ޖަހައި ރާއްޖެއަށް ޗެމްޕިއަންކަން ކަށަވަރުކޮށްދީފަ އެވެ.




