މެޗަކުން ބަލިނުވެ ރާއްޖެ އަށް ސައްތައިން ސައްތަ ކާމިޔާބީ އެއް

Match akun bali nuve Raajje ah sahthain sahtha kaamiyaabee eh

ތައިލަންޑްގެ ބެންކޮކްގައި ކުރިއަށްދިޔަ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި މެޗަކުން ބަލިނުވެ ރާއްޖެއިން ސައްތައިން ސައްތަ ކާމިޔާބީއަކާއެކު މުބާރާތް ނިންމައިލައިފި އެވެ.

މި މުބާރާތުގެ ފަހު މެޗުގައި ރާއްޖެއިން ނުކުތީ ސްރީ ލަންކާއާ ދެކޮޅަށެވެ. މި މެޗަށް ނުކުތްއިރު، ވެސް ރާއްޖެ އަށް ވަނީ މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވެފަ އެވެ،

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން އިތުބާރާއެކު ކުރިއަށް ޖެހި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖޭގެ ކެޕްޓަން މުހައްމަދު އިމްރާން ވަނީ ގޯލު ޖަހައި ރާއްޖެ އަށް ލީޑު ނަގައިދީފަ އެވެ. މިއީ މި މުބާރާތުގައި އިމްރާން ޖެހި އަށްވަނަ ގޯލެވެ.

އެކަމަކު ފުރަތަމަ ހާފު ނިމެން ދެ މިނިޓްއަށް ވެފައި ވަނިކޮށް ލަންކާގެ ބިލަން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ބިލަން ޖެހި ގޯލެކެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން14 ސިކުންތައް ވެފައިވަނިކޮށް ރާއްޖޭގެ ހުޒައިފަތު ރަޝީދު (ހުޒޭ) ވަނީ ގޯލު ޖަހައި އަލުން ރާއްޖެ އަށް ލީޑު ނަގައިދީފަ އެވެ.

ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނިޓްގައި ލަންކާގެ އަމަރު ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީ އަލުން ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެކަމަކު އޭގެ ތިން މިނިޓް ފަހުން ރާއްޖޭގެ އަހުމަދު ހަމީދު ފޮނުވާލި ހަމަލާ ލަންކާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި ބައިކޮޅަށް ވަން ގޯލުން އަލުން ރާއްޖެ އަށް ލީޑު ވަނީ ލިބިފަ އެވެ.

ރާއްޖޭން މެޗުގައި ޖެހި ހަތަރުވަނަ ގޯލު ޖެހީ އަހުމަދު ސުހެއިލް (ސޮކޭ) އެވެ. މިއީ އޭރިއާ ބޭރުން ގޯލުގެ ހަނިކަނަށް އަމާޒުކޮށްލައިގެން ސޮކޭ ކާމިޔާބުކުރި ލަނޑެކެވެ. އަދި އޭގެ މިނިޓެއް ފަހުން ކެޕްޓަން އިމްރާން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ.

ރާއްޖެއިން ސާފްގެ ތަށްޓާއެކު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ.

ނޯޓު: ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑުގައި ލ. ގަމަށް ނިސްބަތްވާ ދެކުޅުންތެރިން ހިމެނެ އެވެ. އެއީ އިސްމާއިލް ޝަރީފް (އޮންލީ) އަދި އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments