އިސްދޫ އަތުން ބަލިވެ ގަމަށް އަމިއްލަ ބާރު ގެއްލިއްޖެ
Isdhoo athun balive, Gamah amila baaru gehlijje

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯނު ހައެއްގައި ލ. އިސްދޫ އަތުން ބަލިވެ، ލ. ގަމަށް އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
ޒޯން ހައެއްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ލ. ގަމެވެ. ޒޯން ހައެއްގައި ކޮންމެ ޓީމަކުން މިހާރު ދެ މެޗު ކުޅެފައިވާއިރު، ލ. ގަމުން ކުޅުނު ފުރަތަމަ މެޗުގައި ތ. ތިމަރަފުށި އަތުން ވަނީ0-0 ގެ ނަތީޖާ އަކުން އެއްވަރުވެފަ އެވެ. އަދި އިސްދޫ އިން ކުޅުނު ފުރަތަމަ މެޗުގައި ތ. ކިނބިދޫއާ އެއްވަރުވީ1-1 ގެ ނަތީޖާ އަކުންނެވެ.
ރޭ ލ. އިސްދޫ އިން ގަން ބަލިކުރީ2-1ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިސްދޫ އިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ.
ހުސެއިން ޝަރީފް (އޮންލީ) އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު އިސްދޫ އަށް ޖަހައިދިނީ އަލީ ހުމެއިޒު އެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި ހުއްޓަ، ގަމުން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން އިސްދޫގެ އަހުމަދު އަފްސަމް ވަނީ ގޯލު ޖަހައި އަލުން އިސްދޫ އަށް ލީޑު ނަގައިދީފަ އެވެ.
މި ގްރޫޕްގައި ރޭ ތ. ތިމަރަފުށިން ވަނީ ތ. ކިނބިދޫ3-0 ގެ ނަތީޖާ އަކުން ބަލިކޮށްފަ އެވެ.
މި ނަތީޖާތަކާއެކު، ގްރޫޕްގެ އެއްވަނައިގައި އޮތް ތިމަރަފުށި އާއި ދެވަނައިގައި އޮތް އިސްދޫ އަށް ދެ މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިމަރަފުށި އަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.
މި ޒޯނުގެ ފަހު މެޗުތައް މާދަމާ ރޭ ކުރިއަށްދާނެ އެވެ. މި ޒޯނުގެ ފަހު މެޗުގައި އިސްދޫ އިން ނުކުންނާނީ ތިމަރަފުށިއާ ދެކޮޅަށެވެ. އަދި ގަމުން ނުކުންނާނީ ކިނބިދޫއާ ދެކޮޅަށެވެ.




