ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް އުންމީދީ ކަނބަލެއް – މަރްޔަމް ނީނާ
Gamu Anhenun Tharaggee ah Masaiykai Kuraa Committee ge Raeesa Kamah Unmeedhee Kanbaleh - Maryam Neena

ލ. ގަމަށް އުފަން މަރްޔަމް ނީނާއަކީ އެ ރަށުގެ ތަރައްގީއާއި، ވަކިން ހާއްސަކޮށް އަންހެނުންގެ ކުރިއެރުމަށް ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންދާ ހީވާގީ ކަނބަލެކެވެ. ތައުލީމީ ދާއިރާއިން ބަލާއިރު ނީނާ ވަނީ “މާސްޓަރސް އޮފް ބިޒުނަސް އެޑްމިނިސްޓްރޭޝަން” ފުރިހަމަކުރައްވާފައެވެ.
ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން، ގަމު ކައުންސިލްގެ އިދާރީ ދާއިރާގައި 12 އަހަރުގެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވެއެވެ. އިދާރީ ދާއިރާގައި ލިބުނު ތަޖުރިބާއާއެކު ނީނާ ބޭނުންވީ އަންހެނުން ބާރުވެރި ކުރުމަށް އެންމެ އިސްކޮށް ހަރާކާތްތެރި ވުމަށެވެ. މި ނިޔަތާއެކު ނީނާ ދެން ނުކުތީ ސިޔާސީ ދާއިރާ އަށެވެ.

ނީނާ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތީ 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންނަށް ހާއްސަ ގޮނޑި އިތުރުކުރުމާ ގުޅިގެން، ކަނބަލުންގެ ޙައްޤުގައި ވަކާލާތުކުރުމުގެ މަތިވެރި ނިޔަތުގައެވެ. އޭނާއަކީ އަބަދުވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކޮށް، އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ފިސާރި ކަނބަލެކެވެ. އޭނާގެ އިސްނެގުމާއެކު 2019 ވަނަ އަހަރު ގަމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަށް މެންބަރުން ހަމަކޮށް، ކޮމިޓީ އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރިއެވެ.

ގަމުގެ އަންހެން ކައުންސިލަރު ކަމުގެ މަގާމުގައި ނީނާ އިސްކޮށް ހުރެ ވަނީ ރަށުގެ ލާބައާއި މަންފާއަށާއި އަދި ވަކިން ހާއްސަކޮށް އަންހެނުންނަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ނީނާގެ ކައުންސިލަރުކަމުގެ ދައުރުގައި ހޯއްދަވާފައިވާ ކާމިޔާބީތަކަކީ ލާމަސީލު މިސާލުތަކެކެވެ. އޭގެ ތެރޭގައި:
– “ލާމަސީލުލާމު” 3 ވަނަ ވާހަކަ ދެއްކުމުގެ މުބާރާތުގައި ގަމު ކައުންސިލް ތަމްސީލުކުރި ދަރިވަރުންނާ ހަވާލުވެ، އެ ރަށަށް 1 ވަނަ ހޯދައިދިނުން.
– ރަށު އެކްސްޕޯގައި ބައިވެރިވެ، އެންމެ ފުރިހަމަ ސަގާފީ ހުށަހެޅުމުގެ އެވޯޑު ހޯދުން.
– ގަމު ކަނބަލުންގެ އުފެއްދުންތަކަށް ރަށު އެކްސްޕޯ މެދުވެރިކޮށް މާކެޓް ހޯދައިދީ އިޝްތިހާރުކުރުން.
– މަގު ސާފުކުރުމަށް މަސައްކަތު ޕޫލެއް އެކުލަވާލައި، ގިނަ އަންހެނުންތަކަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުން.
– ރާއްޖެ ސުޕަރ ލީގު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވެ، ރަނައަޕްކަން ހޯދުން.
– ގަމުގައި މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ކުޑަކުދިންގެ ހަވީރުއިންތިޒާމުކުރުން.
– އިސްރަށްވެހިންގެ ހަވީރު ފަދަ އިޖުތިމާއީ މުހިންމު ހަރަކާތްތައް ހިންގުން.
– ކެއަރ ސޮސައިޓީއާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ 25 ފަރާތަކަށް ހައްގުތަކަށް ވަކާލާތުކުރުމުގެ ތަމްރީނު ދިނުން.
– ގަމު އަންހެނުންގެ އުފެއްދުންތައް މާކެޓްކުރުމަށް ވައިބަރ ޕްލެޓްފޯމެއް ގާއިމުކުރުން.

ނީނާއަކީ ހަމައެކަނި އޮފީހަށް ހާޒިރުވެ ސޮއިކޮށްލާ ކައުންސިލަރެއް ނޫނެވެ. އޭނާއަކީ މުވައްޒަފުންނާ ގުޅިގެން އަމަލީ ގޮތުން ހަރަކާތްތަކުގައި ބައިވެރިވާ، ހިންގުންތެރި ލީޑަރެކެވެ. މިފަހަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ކުރިމަތިލުމުގެ މައިގަނޑު މަގުސަދަކީ އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމެވެ.
ނީނާގެ މުސްތަގުބަލުގެ ތަސައްވުރަކީ ތައުލީމީ އަންހެނުންތަކެއް ބިނާކޮށް، ސިއްހީ އަދި އިޖުތިމާއީ ގޮތުން ހޭލުންތެރި، ހަރަކާތްތެރި މުޖުތަމައެއް ގަމުގައި ބިނާކުރުމެވެ. މި މަގުސަދުގައި އޭނާ ވަނީ “ފީމޭލް އެމްޕަވަރމަންޓް މޫވްމެންޓް ސޮސައިޓީ” ގެ ނަމުގައި ޖަމިއްޔާއެއްވެސް އުފައްދާފައެވެ. ނީނާގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް ގަމުގެ އަންހެނުންގެ ކުރިއެރުމަށް ދާއިމީ ސިފައެއްގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދިނުމެވެ.



