ކައްދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

Kahdhoo airport tharaggee kurumah bin hikkumuge masakkai feashumah thayyaaruvejje

ކައްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި ބިން ހިއްކުމަށް ބޭނުންވާ ބަންޑު ވޯލް ޖެހުމުގެ މަސައްކަތަށް ބޭނުންވާ ވެހިކަލްތަކާއި އޮޕަރޭޓަރުން މިހާރު ވަނީ އެ އަތޮޅު ފޮނަދޫއަށް ގެނެސްފައެވެ.

“ލާމު އެމްވީ” އަށް އެނގިފައިވާ ގޮތުގައި، މި މަސައްކަތަށް ބޭނުންވާ ސާމާނާއި މީހުންނަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސަބް ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްގެން ގެނެސްފައިވާ ތަކެއްޗެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް އެމްއޭސީއެލް އަށް ގުޅުމުން އެއްވެސް މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފައެވެ. އަދި ލާމު އަތޮޅުން މި މަސައްކަތް ބަލަހައްޓަން ހަވާލުވެހުރި ފަރާތަށް ގުޅުމުން މިކަމާއި ބެހޭ މާ ގިނަ މައުލޫމާތެއް ނޭނގޭކަމަށް ވަނީ ބުނެފައެވެ.

ކައްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލާމު އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި އެމްއޭސީއެލް އާ ހަވާލުކޮށް، އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާފައިވާ މަޝްރޫއެކެވެ. ނަމަވެސް، އެ ދުވަހު މަސައްކަތް ފެށުމަށް ބޭނުންކުރި އެކްސްކަވޭޓަރު، ރައީސްގެ އެ ދަތުރުފުޅުގައި އެހެން ރަށްރަށުގެ މަޝްރޫއުތައް ފެށުމުގެ ރަސްމިއްޔާތުތަކަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.

އެ ދުވަހަށްފަހު މިއަދާ ހަމައަށް ވެސް ކައްދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ގޮސްފައި ނުވާތީ، ބައެއް އާންމުން ވަނީ މިކަމަށް ފާޑުކިޔައިފައެވެ. ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި، މިހާރު މި ފެށުނު ހަރަކާތްތަކަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަކަށް “ޖަހާ ކަޑައެއް” ކަމަށެވެ.

ކައްދޫ އެއާޕޯޓަކީ ލާމު އަތޮޅުގެ ތަރައްގީއާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނަކަށްވާއިރު، މި މަޝްރޫއު ހަގީގަތުގައި ވެސް ބާރުމިނުގައި ކުރިއަށްދާނެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments