ތިން ދަރިން ގޮވައިގެން ނީނަން އުޅެމުންދިޔަ ނިކަމެތި ދިރިއުޅުން ބަދަލުކޮށްލީ ’މަމްސް އެއިޑް‘ އިން!
Thin dharin govaigen Neena ulhemun dhiya nikamethi dhiriulhun badhalu kohlee 'moms aid ' in!

ލ.ގަމަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ’ނީނަން‘ ތިން ދަރިން ގޮވައިގެން އުޅެމުން ދިޔައީ ވަރަށް ނިކަމެތި ހާލުގައެވެ.
ނީނަން ވަނީ އޭނާ އުޅެމުން އައި ދަތިހާލު ’ މަމްސް އެއިޑް‘ އެންޖީއޯ އާ ހިއްސާކޮށްފައެވެ.
ނީނަން ދެ ކައިވެނި ކުރިއެވެ. އެންމެ ފުރަތަމަ ކައިވެންނަށް އެއް ކުއްޖަކު ލިބުނެވެ. ދެވަނަ ކައިވެންޏަށް 2 ކުދިން ލިބުނު ނަމަވެސް ކުރީގެ ފިރިމީހާ އެންމެ ހަގު ކުއްޖާއަކީ ދަރިއެއްް ކަމަކަށް ގަބޫލެއް ނުކުރެއެވެ.
”ފުރަތަމަ ކައިވެންޏަށް އެއް ކުއްޖެއް. ދެވަނަ ކައިވެނީގައި އަސްލު ކުރީގެ ފިރިމީހާ ގަބޫލެއް ނުކުރި އެންމެ ހަގު ދަރިއަކީ އޭނާގެ ކުއްްޖެއް ކަމަކަށް. އަސްލު ވާ ގޮތަކީ، އަނިޔާކުރާތީ ޑިވޯރސް ވީ. ޑިވޯރސް ކުރިއިރު ނޭނގޭ ޕްރެގް ކަމެއް. ބަނޑަށް 5 މަސް ވީ ފަހުން އެނގުނީ.“
ނީނަން އެންމެ ހަގު ދަރިފުޅު ލިބުނު ފަހުން އުޅެނީ ކުއްޔަށެވެ. އެކަނިވެރިންގެ މައިންނަށް ލިބޭ ލާރީން އޭނާ ކުލި ދައްކައެވެ.
”ނުކައިވެސް ހުންނަން. ކުދިންނަށް ކާންދޭނެ އެއްޗެއް ނެތިވެސް ހުންނަން، 3 ދުވަސް ވާދެކަށް ވެސް. އަމިއްލައަށް ރޯދައަށް ހުންނަނީ.ކުދިންނަށް ކެވޭނެ ކުޑަ އެތިކޮޅެއް ވެސް ލިބޭނެ ގޮތް ވެއްޖިއްޔާ ކުދިންނަށް ދެނީ. އެގޮތަށް މެނޭޖްކުރަނީ އޭރު. ވަރަށް ދެރަވޭ ކުޑަ ދެކުދިން ވަރަށް ބަނޑުހައިވެއްޖެއޭ ބުނީމަ. ވަރަށް ހިތުގަ ޖެހުނު އެދުވަހު. އެކުދިން ބުނި މަންމީ ބަނޑަށް ތަދުވަނީއޭ.“
ނީނަން ބުނީ އެ ދުވަހު ހަދާނެ ގޮތް ހަމަ ހުސްވިކަމަށެވެ. ނީނަން ބުނިގޮތުގައި އޭނާގެ ދަރިންވެސް އުޅުނީ ވަރަށް ބަލިކޮށްކަމަށެވެ. މަހަކު ދެފަހަރަކު މަތިން އެޑްމިޓް ކުރާކަމަށް ވެސް ބުންޏެވެ. ނީނަން ބުނީ. ނީނަން ފަދައިން އޭނާގެ ދަރިން އެކި ތަންތާ، އުޅޭނެ ތަނެއް ނެތިގެން ހާލުގައި އުޅެން ބޭނުން ނުވާ ކަމަށެވެ.
މަމްސް އެއިޑް އިން ބުނިގޮތުގައި. ނީނަން ގެ އާއިލާ އެ ޖަމިއްޔާގެ ސަމާލުކަމަށް އައިސްފައިވަނީ2019 ވަނަ އަހަރު ބޭސްފަރުވާގެ އެހީތެރިކަމަށް ބޭނުންވެގެން އުޅުނު އާއިލާއެއް ކަމަށާއި، އޭރު ނީނަންގެ އާއިލާ އަކީ ދަތި ހާލުގައި އުޅޭ އާއިލާއެއްގެ ގޮތުގައި އެ ޖަމިއްޔާއިން ފާހަގަކުރި ކަމަށެވެ.
ނީނަން ބުނީ، މަމްސް އެއިޑްގެ ފަރާތުން، ކާބޯތަކެތީގެ އިތުރުން، ބޭސްފަރުވާ އަށް މާލެ ދިޔުމަށް ވެސް އެޖަމިއްޔާއިން އެހީތެރިވެފައިވާ ކަމަށެވެ. ސްކޫލު ކަންތައްތަކުގައާއި، ރަމަޟާން މަހުގައި ވެސް ހާއްސަ އެހީތަކެއް އެ ޖަމިއްޔާގެ ފަރާތުން ލިބޭކަން ފާހަގަކޮށް ނީނަން ބުނީ އެއީ ދިރިއުޅުމަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ.
މަމްސް އެއިޑް އިން ވަނީ މިހާރު، އެ ޖަމިއްޔާގެ ’ހިޔާވަހި ޕްރޮޖެކްޓ’ްގެ ދަށުން ނީނަންގެ އާއިލާއަށް ބޯހިޔާވަހިކަން ހޯދައިދީފައެވެ.
މަމްސް އެިޑްގެ ހިޔާވަހި ޕްރޮޖެކްޓްއަކީ ކޮންމެ އަހަރަކުގައިވެސް ނިކަމެތި އާއިލާއަކަށް، އެ ޖަމިއްޔާގެ ކެއަރލިސްޓް ގައި ރަޖިސްޓްރީވެފައި ހުންނަ ނިކަމެތި އާއިލާއަކަށް ރައްކާތެރި މާހައުލެއް ހޯދައިނުމުގެ ގޮތުން ކުރިއަށްދާ ޕްރޮޖެކްޓްއެއް ކަމަށެވެ. މީގެތެރޭގައި އިމާރާތްކުރުމުގެ ޕަރޮޖެކްޓްސްތައް ވެސް ހިމެނެއެވެ. މަމްސް އެއިޑް އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ 27 އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
މަމްސް އެއިޑް އިން ބުނީ ނީނަން ނިކަމެތި އާއިލާއެއްގެ ގޮތުގައި ކަނޑައެޅީ، އެ ޖަމިއްޔާއިން ބެލި ބެލުމުގައި ނީނަން އުޅެނީ، ފަޅު ގެތަކުގައި ކަމަށެވެ. އަދި އެތަނުން ނިކުމެއްޖެނަމަ ވަންނާނޭ އެހެން ތަނެއް ވެސް ނީނަންގެ ނެތް ކަމަށެވެ.
ނީނަން ބުނީ ގޯތީގެ ވާހަކަ ދެއްކިއިރުވެސް، ގެއެއް ލިބެން އުޅޭ ކަމެއް އޭނާއަކަށް ނޭނގޭ ކަމަށެވެ.
”އެދުވަހު އަސްލު ފުރަތަމަ ހިތަށް އެރީ، ހަމަ އަސްލަށްވެސް ބަލާބަލާށޭ ކުޅަދުންވަންތަކަން. އަޅުގަނޑު ދަމު ނަމާދު ކޮށްފައި ހާދަހާ ދުއާ އެއް ކުރީމޭ އެކުދިންނަށް ބޯހިޔާވަހިކަމެއް ލިބޭނެގޮތް މެދުވެރިކުރަށްވާތޯ.“
ނީނަން ބުނީ ދަރިންނަށް ކާބޯތަކެތިވެސް، ރައްކާތެރިކަން ވެސް އަދި ބޯހިޔާވަހިކަން ވެސް ފޯރުކޮށްދިނުމަށް ﷲ މެދުވެރިކުރެއްވީ މަމްސް އެއިޑް އިން ކަމަށެވެ. ނީނަންގެ ގޭގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. މަމްސް އެެއިޑް އިން އެ ގެ އިމާރާތްކުރުމުގައި، ވަނީ ގަމު ކައުންސިލާއި، ކޮންޓްރެކްޓަރ އަދި އިތުރު މުއައްސަސާތަކުގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށްފައެވެ. ނީނަން އަށް ގެ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.
”ގެއާ ދިމާލަށް ބަލާލުމުން ކުރިއަށް އަންނަން އުނދަގޫވި. އެހެންވެ އަނެއް ފަރާތަށް އެނބުރުނީ. ރޮވެން ފެށުނީ. ގެއަށް ވަދެވުނު އިރު ވަރަށް އުފާވި، ވާގޮތަކީ ކުރީގައި ހިތަށް އަރަނީ، ދަރިންނަށް ބޭނުންވަ ކަންކަން ނުކޮށްދެވުނީމަ މިއީ ފެއިލްވެފައިވާ މަންމައެކޭ.“
ނީނަން އަށް ގެ ހަވާލުކޮށްފައިވާއިރު، ގެއަށް ބޭނުންވާ ހުރިހާ ސަމާނެއް މަމްސް އެއިޑް އިން ވަނީ ފޯރުކޮށްދީފައެވެ. ހުރިހާ ފަރުނީޗަރަކާއި ކާބޯތަކެތީގެ އިތުރުން ތިން މައިންނަށް ބޭނުންވާ އަންނައުނާއި، ނީނަން އަށް ހާއްސަކޮށް ފަހާފޮއްޓެއް ވެސް ވަނީ ހޯދާދީފައެވެ.
ނީނަންގެ އުމުރުން އެންމެ ހަތް އަހަރުގައި ނީނަންގެ މަންމަ، ނީނަންގެ މަންމއާއި ކާފައާ ހަވާލުކުރިއެވެ. ނީނަން ގުރޭޑް 8 ގައި ތައުލީމު ހާސިލްކުރަމުން ދަނިކޮށް އޭނާގެ ކާފަ ވަނީ ނިޔާވެފައެވެ. އެއާއެކު ނީނަންގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާލީ އޭނާއަށް ލިބުނު ޖިންސީ އަނިޔާގެ ސަބަބުންނެވެ.


