ތޮއްޕެ، ތޯއިފް އަދި ޕީކޭ ގައުމީ ސްކޮޑަށް
Thoppey, Thoif adhi PK gaumee squad ah

އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި މި މަހުގެ31 ވަނަ ދުވަހު ގައުމީ ފުޓުބޯޅަ ޓީމުން ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުން ލ. ގަމު، އަލީ ސާމިސް (ތޮއްޕެ)، ތޯއިފް ގާސިމް އަދި މުހައްމަދު ނިޒާމް (ޕީކޭ) އަށް ފުރުސަތު ދީފި އެވެ.
މި މަހުގެ 31 ވަނަ ދުވަހު ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް 26 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ވަނީ އެކުލަވާލައިފަ އެވެ. އޭގެ ތެރެއިން ލ. ގަމުގެ ތިން ކުޅުންތެރިންނަށް ފުރުސަތު ލިބުނުއިރު، ލ. ކުނަހަންދޫ، ހުސެއިން ސިފާއު ޔޫސުފް އަށް ވެސް ފުރުސަތު ވަނީ ލިބިފަ އެވެ.
މީގެ ތެރެއިން، ތޮއްޕެ އާއި ކުރޯ ވަނީ އެކި މުބާރާތްތަކުގައި މީގެ ކުރިންވެސް ގައުމީ ފުޓުބޯޅަ ޓީމު ތަމްސީލުކޮށްފަ އެވެ. އަދި ތޯއިފް ވެސް ވަނީ މި ފަހުން ގައުމީ ސްކޮޑުގައި ހިމެނި މެޗެއް ކުޅެފަ އެވެ. އަދި ނިޒާމަކީ ވެސް އެކި ފަހަރު މަތިން ގައުމީ ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ.
ޓިމޯ ލެސްޓޭ މެޗަށް ގައުމީ ޓީމުން ޕްރިލިމިނަރީ ސްކޮޑު އެކުލަވާލިއިރު، ތިން އަހަރަށްފަހު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ވަނީ ގައުމީ ސްކޮޑުން ޖާގަ ހޯދައިފަ އެވެ. އުމުރުން 40 އަހަރުގެ ދަގަނޑޭ އަކީ ގައުމީ ފުޓުބޯޅަ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އެކަމަކު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު ދަގަނޑޭ އެނބުރި ކުޅެން ނުކުތީ މި ސީޒަނުގައި ނިއު ރޭޑިއަންޓާއެކުގަ އެވެ.
މީގެ އިތުރުން މި ފަހަރުގެ ސްކޮޑުން ފުޓްސަލް ތަރި އަލީ ހާފިޒު (ހާއްޕެ) އަށް ވެސް ވަނީ ފުރުސަތު ލިބިފަ އެވެ.




