ކަލައިދޫ ކައުންސިލް ރައީސްކަމަށް އަމިއްލަގޮތުން ވާދަކުރައްވާ މުހައަމަދު ޝަރީފްގެ ތާއީދު ސަރުކާރަށް
Kalaidhoo council raees kamah amillagothun vaadhakurahva Muhammadh Shareef ge thaaeedhu sarukaarah

ކަލައިދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް އަމިއްލަގޮތުން ކުރިމަތިލައްވާފައިވާ މުހައްމަދު ޝަރީފް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓަށް ތާއީދުކުރުމަށް ނިންމަވައިފިއެވެ.
މުހައްމަދު ޝަރީފް މިކަން ހާމަކުރެއްވީ އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައެވެ. މުހައމަދު ޝަރީފް ވިދާޅުވީ، ކަލައިދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް އޭނާ ކުރިމަތިލާފައިވީ ނަމަވެސް، ރަށުގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޕީއެންސީގެ ފަރާތުން އެ މަގާމަށް ވާދަކުރައްވާ ކެނޑިޑޭޓް ނަންބަރު 3، އަހުމަދު އައިމަނަށް ތާއީދުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، ޝަރީފަށް ތާއީދުކުރައްވާ ލޮބުވެތި ރައްޔިތުންނާއި ރަށުގެ ތަރައްގީއަށް ލޯބިކުރައްވާ ހުރިހާ ރައްޔިތުންވެސް ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޝަރީފްގެ މި ނިންމެވުމަށް މަރުހަބާ ވިދާޅުވެ، އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއުވެސް ވަނީ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައެވެ. މެންބަރު ޝަފީއު ވިދާޅުވީ، ރަށުގެ ތަރައްގީއަށް ފުރުސަތު ފަހިކޮށްދިނުމުގެ ވިސްނުންފުޅު އިސްކޮށް، ސަރުކާރު ކެނޑިޑޭޓުންނަށް ތާއީދުކޮށްދެއްވީތީ މުހައްމަދު ޝަރީފަށް ހިތުގެ ފުންމިނުން ޝުކުރާއި މަރުހަބާ ދަންނަވާ ކަމަށެވެ.
މީގެ އިތުރުން، ހަމަ މި ވިސްނުން އިސްކުރައްވައި، މިހާރު ހިނގަމުންދާ ދައުރުގެ އެމްޑީޕީއަށް ނިސްބަތްވާ ދެ ކައުންސިލަރުން ކަމަށްވާ ސާއިދު އަދި ޝިޔާމާ ވެސް ސަރުކާރާ ގުޅިވަޑައިގެންފައިވާތީ، އެ ބޭފުޅުންނަށްވެސް މެންބަރު ޝަފީއު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
”މި ތިން ބޭފުޅުންނަކީވެސް ނުހަނު ބޮޑެތި ޚިދުމަތްތަކެއް ރަށަށް ކޮށްދެއްވާފައިވާ ބޭފުޅުން. އަޅުގަނޑު އެދެނީ ތިން ބޭފުޅުންނަށްވެސް ކުރިއެރުމާއި އުފާވެރިކަން ލިބުން. ތަރައްގީ ލިބިގެންދާއިރު އެންމެންގެ ހިއްސާ އޮތުން ވެގެން މިދަނީ ރަށަށް އޮތް ލޯބި ރަމްޒުކޮށްދޭ ނިޝާނަކަށް،“ މެންބަރު ޝަފީއު ވިދާޅުވިއެވެ.




