ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަންހެނުންގެ ދުޅަހެޔޮކަމަށް ހާއްސަ ޕްރޮގްރާމެއް ބާއްވަނީ
GRH gai anhenunge dhulhaheyokamah haassa program eh baahvanee

ލ. ގަން: ގަމު ރީޖަނަލް ހޮސްޕިޓަލާއި ރާއްޖޭގެ އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމެއް ގުޅިގެން، އަންހެނުންގެ ދުޅަހެޔޮކަމަށް ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ މި އޭޕްރީލް މަހުގެ 12 އިން 16 އަށެވެ.
މި ޕްރޮގްރާމަކީ އަންހެނުންނަށް ދިމާވާ ސިއްހީ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި، ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ރަށްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދޭނެ މުހިންމު ހިދުމަތްތަކުގެ ތެރޭގައި:
- ދަރިމައިވުމުގެ ދަތިތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
- އަންހެނުންނަށް ޖެހޭ ކެންސަރު ބަލިތަކާ ގުޅޭ ހާއްސަ ފަރުވާ ދިނުން.
- އަންހެނުންގެ އާންމު ބަލިތަކަށް ފަރުވާ ދިނުން.
- އޮޕަރޭޝަން ކުރުމާ ގުޅޭ ހާއްސަ އިރުޝާދާއި މަޝްވަރާ ދިނުން. މީގެ ތެރޭގައި ލޯވަޅު ތޮރުފައިގެން ކުރާ ”މިނިމަލް އިންވޭސިވް“ އޮޕަރޭޝަންތައް ހިމެނެއެވެ.
މި ޕްރޮގްރާމްގައި ހަރަކާތްތެރިވާ ފަންނީ ޓީމުގައި ހިމެނެނީ ރާއްޖޭގެ ފާހަގަކޮށްލެވޭ މަޝްހޫރު ޑޮކްޓަރުންނެވެ. އޭގެ ތެރޭގައި ޑރ. މުހައްމަދު އަސީލް ޖަލީލް، ޑރ. ހައްވާ ހަނާ، ޑރ. ޝިމްރީން މުހައްމަދު، ޑރ. ޝަނާޒް ޑޯލް، ޑރ. ފާތިމަތު ޝަމްޢާ ޝަރީފް، އަދި ޑރ. އާއިޝަތު ޝިބާނާ އަހުމަދު ހިމެނެއެވެ. މީގެ އިތުރުން ސީނިއާ ރެޖިސްޓާޑް ނަރުހުން ކަމަށްވާ މަރްޔަމް ސަނާ މުޙައްމަދު އަދި މަދީހާ ޢަބްދުއްރަހީމް ވެސް މި ޓީމުގައި ބައިވެރިވާނެއެވެ.
މި ޕްރޮގްރާމްގެ ދަށުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެޕޮއިންޓްމަންޓް ހެއްދުމުގެ ކަންކަން ކުރިއަށްދާނީ އޭޕްރީލް 1 އިން 6 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޕޮއިންޓްމަންޓް ހެއްދުމަށް ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަންބަރު 6800026 އަށް ގުޅުމަށް އެ ހޮސްޕިޓަލުން އިލްތިމާސް ކުރެއެވެ




