ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް؛ ހެނދުނު 8 އިން ހަވީރު 4 އަކަށް ވޯޓު ލެވޭނެ!
Konme meehakah thin vote karudhaas; hendhunu 8 in haveeru 4 akah vote leveyne!

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު ކަރުދާސް ހިމެނޭހެން ތިން ވޯޓު ކަރުދާސް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް އިން ބުނެފިއެވެ.
އެގޮތުން، އެއިން ކޮންމެ ކަރުދާހެއް ވެސް ލާންޖެހޭނީ ވަކި ފޮއްޓަކަށް ކަމަށް އީސީއިން މައުލޫމާތުދެއެވެ. އީސީ އިން ބުނީ، އެމީހަކަށް ދޫކޮށްފައިވަނީ ރަނގަޅު ދާއިރާގެ ވޯޓު ކަރުދާސްކަމާއި، ވޯޓު ކަރުދާސް ލެވެނީ ރަނގަޅު ފޮއްޓަށް ކަން ކޮންމެ މީހަކުވެސް ކަށަވަރު ކުރަންވާނޭ ކަމަށެވެ.މިފަހަރުގެ އިންތިހާބުގައި ތިން ފޮއްޓަށް ވޯޓުލާންޖެހޭއިރު، ކޮންމެ ފޮއްޓެއް ވެސް ހުންނާނީ ފާހަގަވާ ގޮތައް ލޭބަލް ކޮށްފައި ކަމަށް އީސީ އިން ވަނީ މައުލޫމާތު ދީފައެވެ.
އެގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ލާންޖެހޭ ފޮށީގައި ހުންނާނީ ހުދު ކުލައިގެ ލޭބަލެއް ހަރުކޮށްފައި ކަމަށް އީސީ އިން މައުލޫމާތު ދެއެވެ. އަދި، ، ކައުންސިލް އިންތިހާބުގެ ވޯޓު ފޮށީގައި ހުންނަނީ ނޫ ކުލައިގެ ލޭބަލެއް ކަމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ވޯޓު ފޮށީގައި ހުންނާނީ ފެހި ކުލައިގެ ލޭބަލެއް ކަމަށް އީސީ އިން ވަނީ މައުލޫމާތު ދީފައެވެ.
މީގެއިތުރުން، ވޯޓު ކަރުދާހުގެ ނުފުށުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ދާއިރާގެ ނަމާއި ކޯޑު އޮންނާނެ ކަމަށް އީސީ އިން ވަނީ މައުލޫމާތު ދީފައެވެ. ހަމަމިއާއެކު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ކަރުދާހުގެ ނުފުށުގައި ދާއިރާގެ ނަމާއި ކޯޑުގެ އިތުރުން، ކުލަ ބޯޑަރެއް ވެސް އޮންނާނެ ކަމަށް އީސީ އިން ބުނެއެވެ.
ދެން އޮންނާނީ ހިޔާލު ހޯދުމުގެ ވޯޓެވެ. މި ވޯޓު ކަރުދާހުގެ ނުފުށުގައިވެސް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަން ލިޔެވިފައިވާ ބޯޑަރެއް އޮންނާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.
މާދަމާގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ގައެވެ. ވޯޓު ފޮށިތައް ބަންދުކުރާނީ ހަވީރު 04:00 ގައެވެ.




