މެއި 15ގެ ކުރިން އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު ބަދަލުކުރަން ފުލުހުން އިލްތިމާސްކޮށްފި
May 15 ge kurin electric ulhandhuthakuge number board badhalukuran fuluhun ilthimaaskoffi

އެއްގަމު އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް ގެނެވުނު 7 ވަނަ އިސްލާހުގެ ދަށުން، ރާއްޖޭގައި ދުއްވާ ހުރިހާ އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑުތަކުގެ ކުލަ ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް، އެ ބަދަލުތައް ގެނައުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މި އާ ގަވާއިދުގެ މަގުސަދަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތައް އެހެން އުޅަނދުތަކާ ވަކިކޮށް ދެނެގަތުމެވެ. އާ އުސޫލުގެ ދަށުން އިލެކްޓްރިކް ހުރިހާ އުޅަނދެއްގެ ނަންބަރު ބޯޑުގެ ފަސްފަހަތް (ބެކްގްރައުންޑް) ހުންނަންޖެހޭނީ ފެހި ކުލައިގައެވެ. ނަމަވެސް، އުޅަނދު ބޭނުންކުރާ ބާވަތަށް ބަލައި އަކުރުތަކުގެ ކުލައަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން ގެނެވުނު ބަދަލުތަކަކީ:
- އަމިއްލަ ބޭނުމަށް ބޭނުންކުރާ އުޅަނދުތައް: ފެހި ކުލައިގެ ބޯޑުގައި ހުދު އަކުރުން ނަންބަރު ޖެހުން.
- ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދުތައް: ފެހި ކުލައިގެ ބޯޑުގައި ރީނދޫ އަކުރުން ނަންބަރު ޖެހުން.
މިހާރު ރަޖިސްޓްރީކޮށްފައިވާ އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑުތައް މި އާ އުސޫލަށް ބަދަލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އެންމެ ފަހު ތާރީހަކީ 15 މެއި 2026 އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ހުރިހާ އުޅަނދުތަކެއްގެ ނަންބަރު ބޯޑުތައް އާ ގަވާއިދާ އެއްގޮތަށް ބަދަލުކުރުމަށް އުޅަނދުތަކުގެ ވެރިންނަށް އިލްތިމާސްކޮށްފައެވެ.



