ގަމުގައި ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަނެއް ބާއްވަނީ
Gamugai Nafsaanee dhulha heyokan heyluntherikurumuge haahsa session eh baahvanee

ލ.ގަމުގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ހާއްސަ ސެޝަނެއް، އަންނަ މެއި މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ،މިއަންނަ މަހު 2 ވަނަ ދުވަހުގެ ރޭ 20:30 އިން 22:25 އަށް ގަމު އިޖުތިމާއީ މަރުކަޒުގައެވެ.
“މެންޓަލް ހެލްތު އެވެއަރނަސް ސެޝަން” ގެ ނަމުގައި ބާއްވާ މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހުރި ހުރަސްތައް ނައްތާލައި، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭނެ މުޖުތަމައެއް ބިނާކުރުމެވެ. މި ސެޝަނުގައި އެއްވެސް ތަފާތުކުރުމެއް ނެތި، ހާމަކަން ބޮޑު ގޮތެއްގައި ވާހަކަދެއްކުމާއި، އަނެކާގެ ވާހަކަތައް އަޑުއަހައި، އެކަކު އަނެކަކަށް އެއްބާރުލުން ދިނުމަށް ބާރުއަޅާނެއެވެ.
މިއީ ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައެއް ޖަމިއްޔާތައް ގުޅިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މިއީ ނަފްސާނީ ބަލިތަކާމެދު މުޖުތަމައުގައި އޮންނަ ނުބައި ތަސައްވުރު ބަދަލުކޮށް، ކޮންމެ މީހަކަށްވެސް ބިރުވެރިކަމެއް ނެތި އެހީތެރިކަމަށް އެދުމުގެ ފުރުސަތު އޮތް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ސެޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.ގަމު އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމެޓީގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ސެޝަނުގައި ބައިވެރިވާނެ އޮންލައިން ފޯމު ވަނީ ހިއްސާކޮށްފައެވެ.




