ކައުންސިލަރުންގެ ހުވާކުރުމާއި ފުރަތަމަ ޖަލްސާ ބާއްވާނެ އުސޫލު އެލްޖީއޭއިން ހާމަކޮށްފި
Councilerun ge huvaakurumaai furathama jalsaa baahvaane usoolu LGA in haama kohfi

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން، އަލަށް އިންތިޚާބުވާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ރަށްރަށާއި ސިޓީތަކުގައި ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލީ އުސޫލު މިއަދު އާންމުކޮށްފިއެވެ.
މި އުސޫލަކީ ހުރިހާ ދާއިރާއެއްގައި ވެސް ހުވާކުރުމުގެ ކަންކަން އެއް އުސޫލަކުން އަދި ގާނޫނީ ހަމަތަކުގެ މަތިން ކުރިއަށްގެންދިއުމަށް އެކުލަވާލާފައިވާ އުސޫލެކެވެ.އާންމުކުރި އުސޫލުގައިވާ ގޮތުން، ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަންވާނީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ ގާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައެވެ.އެއީ މިމަހު17 ވަނަ ދުވަހެވެ.
މި ރަސްމިއްޔާތު އިންތިޒާމުކުރުމުގެ ފުރިހަމަ ޒިންމާ އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލް އިދާރާއަށް މަތިކޮށްފައިވާއިރު، ހުވާލައިދޭނީ އެ ސަރަހައްދެއްގެ ފަނޑިޔާރެއް ނުވަތަ މެޖިސްޓްރޭޓެއްގެ ކުރިމަތީގައެވެ.
މީގެ އިތުރުން، މި އުސޫލުގައި ރަސްމިއްޔާތު ބާއްވާނެ ތަނާއި، ވަގުތާއި، އަދި ދައުވަތު އަރުވަންޖެހޭ ފަރާތްތަކުގެ އިރުޝާދުތައް ވެސް ވަނީ ހިމަނާފައެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު، ކައުންސިލްގެ ރައީސާއި ނައިބު ރައީސް ނުވަތަ މޭޔަރާއި ޑެޕިއުޓީ މޭޔަރު ހޮވުމަށް ބާއްވާ ފުރަތަމަ ޖަލްސާ ކުރިއަށްގެންދާނެ ގޮތް ވެސް މި އުސޫލުގައި ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ.
އެލްޖީއޭއިން ބުނީ މި އުސޫލު އާންމުކުރުމުގެ މައިގަނޑު ބޭނުމަކީ ކައުންސިލްތަކުން މަގާމާ ހަވާލުވުމުގެ މަރުހަލާ އިންތިޒާމުވެގެން، ދެފުށް ފެންނަ ގޮތަށް ކުރިއަށްގެންދިއުމަށް މަގުފަހިކުރުން ކަމަށެވެ.
މި އުސޫލުގައި ބަޔާންކޮށްފައިވަނީ، ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތަށް ރަށުގެ ވީހާވެސް ގިނަ ރައްޔިތުންނަށް ދައުވަތު ދިނުމުގެ ގޮތުން، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރަށު ތެރޭގައި އާންމުކޮށް އިއުލާންކުރަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ރަށުގައި ހުރި ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް މި ރަސްމިައްޔާތުގައި ބައިވެރިވުމަށް ޚާއްސަ ދައުވަތެއް ދޭންވާނެ ކަމަށް މި އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.
މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ހުވާކުރުމުގެ ރަސްމިއްޔާތު ނިމުމާއެކު ލަސްނުކޮށް، އެ ރަސްމިއްޔާތުގެ ފޮޓޯތަކާއި ބޭނުންވާ މައުލޫމާތު “މަގޭ ކައުންސިލް” ޕޯޓަލްއަށް އަޕްލޯޑްކޮށް ފުރިހަމަކުރަން ޖެހޭނެއެވެ. މީގެ އިތުރުން، ރާއްޖޭގައި ހިންގާ ޓީވީ ޗެނަލްތަކަށާއި، ރޭޑިއޯ އަދި ނޫސް އިދާރާތަކަށް ވެސް މި ރަސްމިއްޔާތުގެ ފޮޓޯ އާއި ވީޑިއޯ ފޮނުވަން ޖެހޭނެ ކަމަށް މި އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.




