ކުރިއަށް އޮތް ހަތަރު މަހު އުތުރާއި މެދުރާއްޖެތެރެއަށް އާންމު މިންވަރަށް ވުރެ ބޯކޮށް ވާރޭވެހޭނެ: މެޓް
Kuriah oiy hatharu mahu uthuraai medhu raajje there ah aanmu minvarah vure boakoh vaarey veheyne: Met

މިއަހަރުގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވެހޭ މިންވަރަށް ވުރެ ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބޭހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
އެ އިދާރާއިން ބުނީ، ކުރިއަށް އޮތް ހަތަރު މަސްދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ބޮޑުވި ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުކޮށް ވެހޭ މިންވަރަށް ވުރެ މަދުން ކަމަށެވެ. މިއީ ހުޅަނގު މޫސުމުގެ އަސަރު ގަދަވުމާއެކު، އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަ އިތުރުވާނެ ދުވަސްވަރެކެވެ.
ވިއްސާރަ ބޮޑުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މި ހަތަރު މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން ހުންނާނީ އާންމު މިންވަރަށް ވުރެ މަތީގައި ކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން ދުވާލުގެ އެންމެ މަތީ ފިނިހޫނުމިނާއި ރޭގަނޑުގެ އެންމެ ދަށް ފިނިހޫނުމިންވެސް އާންމު މިންގަނޑަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ވާރޭވެހޭ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ހޫނުމިން ގަދަވާނެ ކަމަށް ބެލެވޭ ކަމަށް މެޓް އިން ވަނީ ބުނެފައެވެ.
މެޓް އޮފީހުން އިތުރަށް ހާމަކުރި ގޮތުގައި، މި ލަފާކުރުންތަކަކީ އޭޕްރީލް މަހުގެ މޫސުމީ ހާލަތާއި، ބައިނަލްއަޤުވާމީ މޫސުމީ މޮޑެލްތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އަންދާޒާތަކެކެވެ. ރާއްޖެއަށް މިހާރު ހުޅަނގު މޫސުން ފެށިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވެ، ކަނޑުދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވެދާނެ ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.




