ތެލަސީމިއާ؛ ލޭއަޅާބަލިން ދެވަނަ ދިރިއުޅުމަކަށް: އަހަރެންގެ އުއްމީދާއި އީމާންތެރިކަމާއި ކެތްތެރިކަމުގެ ދަތުރު
Thalassemia, Leyalhaa balin dhevana dhiriulhumakah: Aharenge unmeedhaai eemaantherikamaai kehtherikamuge dhathuru
އަހަރެން އުފަންވީ 7 ޖޫން 1999 ގައި ފުރާނައަށް ނުރައްކާވާ ޖެނެޓިކް ބްލަޑް ޑިސްއޯޑަރެއް ކަމަށްވާ ތެލަސީމިއާ މޭޖަރ ނުވަތަ ލޭއަޅާބައްޔާއި އެކުގައެވެ.
އުމުރުން އެންމެ ތިން މަހުގައި އަހަރެންނަށް ލޭ އަޅަން ފެށި – ކުރިއަށް އޮތް އެތައް އަހަރެއް ވަންދެން މަހަކު އެއްފަހަރު ނުވަތަ ދެފަހަރު އަހަރެންގެ ދުވަހީދިރިއުޅުމުގެ ބަޔަކަށް މިކަން ވެގެންދިޔައެވެ.
އުމުރުން ތިން އަހަރު ވީއިރު، ގިނައިން ލޭއަޅަން ޖެހުމުން ދަގަނޑު އޯވަރލޯޑް މެނޭޖް ކުރުމަށްޓަކައި ހަފްތާއަކު ފަސް ދުވަހު ޑެސްފެރަލް އިންޖެކްޝަން ޖަހަން ފަށަން ޖެހުނެވެ.
ވޭންދެނިވި އަދި ރޫޓިން މި އިންޖެކްޝަންތައް ވެގެން ދިޔައީ އަހަރެންގެ ކުޑައިރުގެ ބަޔަކަށެވެ.
ދަތުރުފަތުރާއި ޤުރުބާނީގެ ޅަދުވަސްވަރު
ލޭއަޅަން ފެށި ފުރަތަ ދުވަސްކޮޅު ހަމައެކަނި ލޭ އެޅެނީ ރާއްޖޭގެ ވެރިރަށް ފުރަ މާލެއިންނެވެ. އަހަރެންނާއި މަންމަ ބައެއް ފަހަރު މަހަކު ދެފަހަރު، ދޯނިފަހަރުގައި ދަތުރުކުރަމުން ދިޔައީ މަތިންދާބޯޓުގެ ޓިކެޓް ގަނެވޭނެ ގޮތެއް ނެތުމުންނެވެ. އަހަރެމެންގެ އާއިލާއަށް ހަމައެކަނި އާއްމުދަނީއެއް ފޯރުކޮށްދޭ ފަރާތަކީ ބައްޕަ ކަމުން މަންމަ އަހަރެން ބަލަހައްޓަމުން ދިޔައިރު އަހަރެންގެ އެއްބަނޑު އެއްބަފާ ކުދިން އަހަރެމެންގެ މާމަގާތުގައި ގޭގައި ބައިތިއްބައެވެ.
އެންމެ ފަހުން އަހަރުމެންގެ ރީޖަނަލް ހޮސްޕިޓަލުން ލޭއެޅޭނެ ގޮތް ވެގެން ދިޔަ ނަމަވެސް އާ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އެންމެ އުނދަގޫ އެއް ކަމަކީ އަހަރެންގެ ލެއާއި މެޗްވާ ލޭ ހުންނަ މީހުން ހޯދުމެވެ. އަހަރެން އަދިވެސް ހަނދާން ހުންނަ ދުވަހެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. އެއީ އަހަރެންގެ ލޭގެ ގްރޫޕް ހުންނަ ހަތަރު މީހުން ހޯދައިގެން ކްރޮސްމެޗް ހެދިއިރުވެސް އަހަރެންގެ ލެއާ ގުޅޭގޮތް ނުވި ދުވަހެކެވެ. އެންމެ ފަހުން، ގުޅޭނެ ލެއެއް ލިބުނީ ފަސްވަނަ މީހާއާއި ހަމައިންނެވެ. ލޭ އެޅުމުގައި ހޭދަކުރި ބައެއް ދުވަސްތައް ފަސޭހަވިއިރު، އަނެއްބައި ދުވަސްތަކުގައި އަހަރެމެންގެ އީމާންތެރިކަމާއި ކެތްތެރިކަން އިމްތިހާނުވެގެން ދިޔައެއެވެ.

ދިރިއުޅުން ބަދަލުކޮށްލި ނިންމުމެއް
އަހަރުތަކެއް ވަންދެން ކުރި މަސައްކަތަށްފަހު އަހަރެންގެ އާއިލާއިން ނިންމީ ދިރިއުޅުން ބަދަލުކޮށްދޭ ނިންމުމަކާ ކުރިމަތިލުމަށެވެ. އެއީ އަހަރެމެން ބޯންމެރޯ ޓްރާންސްޕްލާންޓް (ބީއެމްޓީ) އެއް ކުރިއަށް ހެދުމަށެވެ. މިކަމަށްޓަކައި 2008 ވަނަ އަހަރު އިންޑިއާގެ ވެއްލޫރުގައި ހުންނަ ކްރިސްޓިއަން މެޑިކަލް ކޮލެޖް (ސީއެމްސީ) އަށް އަހަރުމެން ދަތުރުކުރީމުއެވެ.
އެތަނުގައި ޑޮކްޓަރުން އަހަރެންގެ އެއްބަނޑު އެއްބަފާ ތިން ކުދިންގެ ކޮމްޕެޓިބިލިޓީ ޓެސްޓް ކުރިއެވެ. އޭގެ ތެރެއިން ދެމީހަކު – އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތައާއި އެންމެ ދޮށީ ބޭބެ %89 ގެ ޕާޝިއަލް މެޗަކުން ގުޅޭކަމަށް ދެއްކިއެވެ. ފުރިހަމަ ނުވިޔަސް އަހަރެމެން ނިންމީ ޑޯނަރެއްގެ ގޮތުގައި ބޭބެ އާއިގެން ކުރިއަށް ދިއުމަށެވެ.
2009 ވަނަ އަހަރު އަހަރުމެންނަށް ސީއެމްސީން ސިޓީއެއް ލިބުނެވެ. އެއީ ޖެނުއަރީ 2011 އަށް އެޕޮއިންޓްމަންޓް ކަށަވަރުކޮށްދޭ ސިޓީއެކެވެ.
ހަމައެކަނި އޮޕަރޭޝަންގެ އަގަކީ 300،000 (ތިން ލައްކަ ރުފިޔާ) އެވެ. މި އަގަކީ އަހަރުމެންނަށް އަތްފޯރާވަރަށްވުރެން މާ ބޮޑު އަގެއް ނަމަވެސް، މައިންބަފައިންގެ ބުރަ މަސައްކަތާއި، އަހަރެންގެ ދެފުށުގެ ބޮޑުއާއިލާގެ ފުރިހަމައެއްބާރުލުމާއި ހިތްހެޔޮ ހެޔޮއެދޭ ބީރައްޓެހިންގެ އެހީއާއެކު ބޭނުންވާ ވަގުތަށް ފައިސާ ހޯދުނެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓްގެ ދަތުރު
ޑިސެމްބަރު 2010 ގައި ގްރޭޑް 5 ނިންމުމަށްފަހު މައިންބަފައިންނާއި ބޭބެއާއި ދައްތައާއި ފަހަރިއާއި މާމައާއި އެކު އިންޑިއާއަށް ދަތުރުކުރީމެވެ. 1 ޖެނުއަރީ 2011 ގައި ޓްރާންސްޕްލާންޓް ހެދުމަށް އެޑްމިޓް ކުރެވުނެވެ. ކީމޯތެރަޕީ ފެށުމުގެ ކުރިން އަހަރެންގެ ބޯބާލަން ޖެހުނީ އިސްތަށިފައިބަލެއް އިންތިހާއަށް ބޮޑުކަމުންނެވެ.
އޭގެ މާގިނައިރުތަކެއް ނުވެ އަހަރެންގެ ހިތުގެ ކައިރިއަށް ‘ހެކްމަން’ގެ ކެތެޓަރެއް ކޮއްޕައިލީ ޓްރާންސްފިއުޝަން އާއި ލޭ ޓެސްޓް ކުރުމަށް ފަސޭހަހަކޮށްދިނުމަށެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ޔުނިޓް އޮތީ ވަރަށް ބޮޑަށް އެކަހެރިކޮށްފަ އެވެ. ކޮންމެ ބަލިމީހަކު ވެސް ތިބީ ވަކީން ސެނިޓައިޒް ކޮށްފައިވާ ކޮޓަރިއެއްގަ އެވެ. ޖާގަ ނެތުމުގެ ސަބަބުން ޓްރާންސްޕްލާންޓް ޔުނިޓަށް ބަދަލުވުމުގެ ކުރިން ޖެނެރަލް ވޯޑުގައި ދެ ހަފްތާ ހޭދަކުރީމެވެ.
ކީމޯތެރަޕީގެ ސަބަބުން އަހަރެންގެ ދިފާއީ ނިޒާމު އެއްވަރެއްގައި ހިފެހެއްޓެން ފެށުމުން، ޑޯނަރުގެ ސްޓެމް ސެލްތަކަށް ޖާގަ ލިބުނެވެ.
އަހަރެންގެ ބޭބެއަށް ސްޓެމް ސެލް ކައުންޓް އިތުރު ކުރުމަށްޓަކައި ގްރޯތު އިންޖެކްޝަން ދިނެވެ. ކީމޯގެ އަސަރުތައް ވަރުގަދަވެގެން ދިޔުމުން އަހަރެންގެ ހަންގަނޑު އަނދިރިވެ، އިސްތަށިތައް ފައިބާ، ބަރުދަން ލުއިވެ، އެއްވެސް އެއްޗެއް ނުކައި ނުބޮއެ އުޅެން ޖެހޭވަރުވެގެން ދިޔައެވެ. އަހަރެން ދިރިހުރީ ނިއުޓްރިޝަން ގިނަ ލިކުއިޑް ޑައިޓެއްގައެވެ.
24 ޖެނުއަރީ 2011 ވަނަ ދުވަހުގެ ހަވީރު 5 ޖަހާ އެހާކަންހާއިރު އަހަންނަށް ލިބުނީ އަހަރެންގެ ބޭބެގެ ސްޓެމް ސެލްތަކެވެ. އެއީ ހަމަ ލޭ އެޅުން ފަދަ ކަމެކެވެ. އެކަމަކު މި ‘އެއްޗަކުން’ ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ.
އަހަރެންގެ ލޭގެ ގުރޫޕް ވެސް އޭ ޕޮޒިޓިވްއިން އޯ ޕޮޒިޓިވް އަށް ބަދަލުވިއެވެ. ބޭބެގެ ލޭގެ ވައްތަރަށެވެ.
އަހަރެންގެ ގަޔަށް އެންމެ ފަހުން ލޭ އެޅީ 6 ފެބްރުއަރީ 2011 ގައެވެ.

ކޮމްޕްލިކޭޝަންތަކާ ކުރިމަތިލުން
ޓްރާންސްޕްލާންޓް ކުރިތާ ތިން ދުވަސް ފަހުން ހުމުގެ އަސަރު ކުރިއެވެ. ޓެއިކޯޕްލެނިން އަށް އެލާޖިކް ރިއެކްޝަނެއް ކުރިމަތިވުމުން ބަނޑުގައި ރިއްސުމާއި ދަތްދޮޅީގައި ރިއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ކަންކަން ކުރިމަތިވި އެވެ.
މެޑިކަލް ސްޓާފުން އަވަސްއަވަހަށް ވަދެ، އެންޓިޑޯޓެއް ދީ، އަހަރެންގެ ހާލަތު ހަމައަކަށް އެޅުވިކަމަށްޓަކައި ޝުކުރުވެރިވަމެވެ.
ފަހުން އަހަރެން އާއްމު ވޯޑަކަށް ބަދަލުކުރިއެވެ. އޭރުވެސް ކެއުމަށް ހަރުކަށި ހުރަސްތަކެއް ކަނޑައަޅާފައި ހުއްޓެވެ. މަހެއްހާ ދުވަހު އަހަރެން ދިރިހުރީ ބިސްކޯދާއި ޖޫހާއި ނޫޑްލްސް އާއި ބިސް ކައިގެންނެވެ. މި ދުވަސްވަރު ދެ ދެވަހަކު އަހަރެން ފިޓްޖެހި، އައިސީޔޫގައި ފަރުވާ ހޯދަން ޖެހުނެވެ.
އެ ވަގުތުތަކަކީ ބިރުވެރި ވަގުތުތަކެކެވެ.
ޑިސްޗާޖް ކުރުމަށްފަހުވެސް ކޮމްޕްލިކޭޝަންތަކަށް ހުއްޓުމެއް ނާދެއެވެ.
އަހަރެންނަށް ވަރަށް ބޮޑަށް ބޭރަށްހިންގުންޖެހި، ހަންގަނޑު ހިކި، ފަޅައިގެންގޮސް ހުދު ޕެޗްތަކެއް ނެގިއެވެ. ބަޔޮޕްސީއަކުން ކަށަވަރުވީ ސްޓޭޖް 3 ސްކިން ގްރާފްޓް-ވަރސަސް-ހޯސްޓް ޑިޒީޒް (ޖީވީއެޗްޑީ) ޖެހުނުކަމަށެވެ. މިއީ ޑޯނަރ ސެލްތައް ލިބިގަތް މީހާގެ ހަށިގަނޑަށް ހަމަލާދޭ ހާލަތެކެވެ. ޖީވީއެޗްޑީގެ ސަބަބުން އަހަރެންގެ އަނގައިގެ އެތެރެއަށް ވެސް އަސަރުކޮށް، ކެއުމަށް އުނދަގޫވިއެވެ.
ކޮންޕްލިކޭޝަންތައް ކުރިމަތިމަތިވާނެތީ އަހަރުމެން ވެއްލޫރުގައި މަޑުކުރުމަށް ޑޮކްޓަރުން ލަފާދީފައިވެސްވެއެވެ. އެތަކެއް މަހެއް ވާންދެން ހަފުތާއަކު އެއްފަހަރު ޑޮކްޓަރަށް ދައްކައިގެން ބޭސްފަރުވާކުރަން ޖެހުނެވެ.
ޓްރާންސްޕްލާންޓް ކުރިތާ މަހެއްހާ ދުވަސް ފަހުން ކެތެޓަރ ނަގައި، ދަގަނޑުގެ މިންވަރު މެނޭޖް ކުރުމަށްޓަކައި ޑެސްފެރަލް އިންޖެކްޝަންތައް ކުރިއަށް ގެންދިޔައީމެވެ.
ގެއަށް އައުން، މަޑުމަޑުން ޝިފާ ލިބެމުން ދިއުން
ގާތްގަނޑަކަށް އަހަރެއްހާ ދުވަހު އިންޑިއާގައި އުޅުމަށްފަހު 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެންމެ ފަހުން އަހަރެންނަށް އެނބުރި ގެއަށް ދިއުމުގެ ހުއްދަ ލިބުނެވެ. ނަމަވެސް ސްކޫލަށް ދިއުމަށާއި ވެކްސިން ޖަހަން ހުއްދައެއް ނުލިބެއެވެ.
އަޅުގަނޑުމެން އެނބުރި ރާއްޖެއަށް އައީ 23 ޖެނުއަރީ 2012 ގައެވެ. ކޮންމެ ތިން މަހަކުން ގަވާއިދުން ފޮލޯއަޕް ވިޒިޓްތައް ކުރިއަށް ގެންދަން ޖެހޭ ގޮތަށެވެ.
2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ފަހުން އަހަރެންނަށް އެނބުރި ސްކޫލަށް ދިއުމުގެ ހުއްދަ ލިބުނެވެ. އަހަރެންނަށް ފުރިހަމަ ދެ ދިރާސީ އަހަރު ގެއްލިފައި އޮތެވެ. މައިންބަފައިން އަހަރެން ގްރޭޑް 6 އާއި ގުޅުމަށް އެދުނު ނަމަވެސް އަހަރެންގެ މާޒީގެ ރެކޯޑްތައް މުރާޖައާ ކުރުމަށްފަހު ސްކޫލުން އަހަރެން ގްރޭޑް 7 އަށް ވެއްދީ އަހަންނަށް ވުރެ އަހަރެއްހާ ދުވަސް ޅަ ދަރިވަރުންނާއެކުގައެވެ. އަލުން އަނބުރައި ސްކޫލަށް ދެވުމުން އަހަރެން އިންތިހާއަށް އުފާވިއެވެ.
ދިފާއީ ނިޒާމު ބަލިކަށިވުމުގެ ސަބަބުން އަބަދުވެސް މާސްކު އަޅައިގެން އަތް ސެނިޓައިޒްކޮށްގެން އުޅެންޖެހުނެވެ. 2014 ވަނަ އަހަރު އަހަރެންގެ ޑޮކްޓަރުން ޑެސްފެރަލް ހުއްޓާލުމަށް ލަފާދީ، ތުއްތުއިރު ޖަހަން ޖެހޭ ހުރިހާ ވެކްސިންތަކެއް އަލުން ދޭން ފެށީ، ކީމޯތެރަޕީގެ ސަބަބުން އެ ވެކްސިންތަކުގެ އަސަރުތައް ނެތިގޮސްފައި ވާނެތީއެވެ. 2015 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަހަރެން ހުރިހާ ވެކްސިނެއް ނިންމާލީމެވެ. ނަމަވެސް، ޓެސްޓްތައް ދެއްކި ގޮތުން ހެޕަޓައިޓިސް ބީ ވެކްސިނުން އަސަރު ނުކުރާކަން އެނގުމުން އަނެއްކާވެސް އެ ވެކްސިން ތަކުރާރު ކުރަން ޖެހުނެވެ.
އައު ދިރިއުޅުމަކަށް
މިއަދު މާތްالله ގެ ރަޙްމަތުން އަހަރެން މި އުޅެނީ ޞިއްޙަތު ރަނގަޅު މީހުންވެސް ދިރިއުޅޭ ފަދައިންނެވެ. އަހަރެންގެ ދިފާޢީ ނިޒާމު ވަރުގަދަވެ، ހުރިހާ ވެކްސިނެއް ފުރިހަމަވެ، ފުރިހަމަ، ދިރުމެއް ހުރި ދިރިއުޅުމެއް އުޅެން މިވަނީ މިންވަރުކުރައްވާފައެވެ.
މިދަތުރަކީ ހަމައެކަނި އަހަރެންގެ ދަތުރެއް ނޫނެވެ. އެއީ މައިންބަފައިންގެ ނިމުމެއް ނެތް ގުރުބާނީތަކާއި، ބޭބެގެ ފަރާތުން އަހަންނަށް ދިން ގަބޫލުނުކުރެވޭފަދަ ހަދިޔާއާއި، އެއްބަނޑު އެއްބަފާ ކުދިންގެ ލޯތްބާއި، ގާތްތިމާގެ މީހުންނާއި، ޑޮކްޓަރުންނާއި، އަދި އަހަރެމެންގެ މި ‘ހަނގުރާމަ’ ގަބޫލުކުރި ބީރައްޓެހިންނެވެ.
އެމީހުން އަހަންނަށް ދިން އެއްޗެއް އަހަރެންނަށް ދުވަހަކުވެސް އަނބުރާ ދެއްކޭނެ ގޮތެއް ނެތެވެ. އެކަމަކު އަހަރެން ދިރިދެމިހުންނާނީ އެމީހުންގެ މަސައްކަތަށް ޝަރަފުވެރިކަން ދޭ ގޮތަށް – ބާރާއި، ޝުކުރުވެރިކަމާއި، މަޤްޞަދެއް އޮވެގެން ދިރިއުޅޭ މީހެއްގެ ގޮތުގައެވެ.
ފަހުބަސް
މިފަދަ ކަމެއް ތަހައްމަލު ކުރަމުންދާނަމަ މިކަން އެނގޭށެވެ: ތިބާއަކީ ތިބާ ހީކުރާ ވަރަށް ވުރެ ވަރުގަދަ މީހެކެވެ. ކުރިއަށްދާން އޮތީ ބުރަ، ދިގު، އަދި ޔަގީންކަމެއް ނެތް މަގަކަށް ވެދާނެއެވެ. އެކަމަކު އީމާންތެރިކަމާއި، އަނެކުންގެ އެއްބާރުލުމާއި، ކެތްތެރިކަމާއެކު، ޝިފާ ލިބުމަކީ ކުރެވިދާނެ ކަމެކެވެ.
ދުވަހަކުވެސް އުންމީދު ދޫކޮށްނުލައްޗެވެ!
މި ލިޔުމަކީ އަޙްމަދު ފިރާޝް އިނގެރޭސިން ލިޔެފައިވާ ލިޔުމެއް އަޙްމަދު ރަޝީދު ދިވެހިބަހަށް ކޮއްފައިވާ ލިޔުމެކެވެ.




މި ލިޔުން ތަރުޖަމާކޮށްލަން ފުރުޞަތު ލިބުނީމަ އަސްލު އަހަންނަށްވެސް ވަރަށް އަސަރުކުރި. ލޭއަޅާބަލީ ހުންނަ ކުދިންނާ އެކުދިންގެ އާއިލާ ތަހައްމަލުކުރާ ކަންކަން ވަަރަށް ބޮޑަށް، ހިތުގެ އެންމެ ފުނަށް ވަންނަ ގޮތަށް ފިރާޝް މި ލިޔުން ލިޔެފަ އޮތީ