އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ނަތީޖާ ދޫކުރަން ފަށައިފި
IGCSE adi SSE imthihaanuge natheeja dhookuran fashaifi

މި އަހަރުގެ ފެބުރުވަރީ އަދި މާރިޗު މަހުގެ ތެރޭގައި ބޭއްވުނު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އަދި އައިޖީސީއެސްއީ އިމްތިޙާނުގެ ނަތީޖާ މިއަދުން ފެށިގެން ދޫކުރަން ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން ހާމަކޮށްފައިވާ ގޮތުގައި، އިމްތިޙާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ ޝީޓްތައް މިހާރު ވަނީ އެ ދަރިވަރަކު އިމްތިޙާނު ހެދި ސްކޫލްތަކަށް ފޮނުވާފައެވެ. އެހެންކަމުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު ރަސްމީ ގަޑީގައި ސްކޫލްތަކުން ނަތީޖާ ޝީޓް ދޫކުރަމުންދާނެއެވެ. އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ފަރާތްތަކުން ނަތީޖާ ޝީޓް ބަލާދާންޖެހޭނީ ޑީޕީއީ އަށެވެ.
ނަތީޖާ ބަލާ ދާއިރު ކެންޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަންޖެހޭނެއެވެ. އަދި ދަރިވަރުގެ ބަދަލުގައި އެހެން މީހަކު ނަތީޖާ ބަލާ ފޮނުވާނަމަ، ކެންޑިޑޭޓުގެ އައިޑީ ކާޑު ނުވަތަ އައިޑީ ކާޑުގެ ސާފު ފޮޓޯއަކާއި، ނަތީޖާއާ ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެ ކަމަށް ޑީޕީއީއިން އިލްތިމާސްކުރެއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ކުރިން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މިއަހަރު ޖުމްލަ 8،218 ދަރިވަރުން ވަނީ އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނު ފުރިހަމަކޮށްފައެވެ. މި އިމްތިޙާނުތައް ކުރިއަށްގެންގޮސްފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވުނު 267 ސެންޓަރެއްގައެވެ.އެއީ މާލެ ސަރަހައްދުގެ 21 ސެންޓަރަކާއި އަތޮޅުތަކުގެ 246 ސެންޓަރެވެ.




