ގަމުގައި ކަރަންޓު ޖެހުނު ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު މާލެ ގެންގޮސްފި
Gamugai karantu jehunu kujjakah ventilator gai faruvaa dhinumaffahu Male’ gengosfi

ލ. ގަމުގައި ކަރަންޓު ޖެހިގެން އަނިޔާވި ކުޑަ ފިރިހެން ކުއްޖަކަށް ގަމު ރީޖަނަލް ހޮސްޕީޓަލްގެ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިއަދު މާލެ ގެންގޮސްފިއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ.
މި ކުއްޖާއަށް ކަރަންޓު ޖެހުނީ ކުރިއަށް އަޟްޙާ އީދަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދިޔަ މަސައްކަތްތަކުގެ ތެރެއިންނެވެ. އެގޮތުން މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ނަގަން އުޅުމުގެ ތެރޭގައި އެ ކުއްޖާގެ ގައިގައި ކަރަންޓު ޖެހުނުކަމަށް މައުލޫމާތު ލިބެއެވެ.
ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާއަށް ގަމު ރީޖަނަލް ހޮސްޕީޓަލުގައި ފަރުވާދޭން ފެށިއެވެ. ނަމަވެސް ކުއްޖާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން، ހޮސްޕީޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިއަދު ވަނީ މާލެއަށް ފޮނުވާލާފައެވެ.




