މިދިޔަ ހަފުތާގައި ކޯސްޓްގާޑުން 71 މެޑިކަލް އިވެކުއޭޝަން ހަދައިފި

Midhiya hafthaagai coastguardun 71 medical evacuation hadhaifi

މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން އިތުރު ފަރުވާއަށް ބޭނުންވި 71 މީހަކު މެޑިކަލް އިވެކުއޭޝަންތަކުގައި އުފުލައިދީފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މީސްމީޑިއާ މެދުވެރިކޮށް ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ދަތުރުތަކުގެ ބޮޑުބައެއް ހިއްސާކޮށްފައިވަނީ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިންނެވެ. އެގޮތުން ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން 48 އިވެކުއޭޝަން ދަތުރު ކޮށްފައިވާއިރު، ސެކަންޑް ސްކޮޑްރަންއިން ތިން ދަތުރު، ތާޑް ސްކޮޑްރަންއިން 13 ދަތުރު އަދި ފޯތު ސްކޮޑްރަންއިން ހަ ދަތުރު ވަނީ ކޮށްފައެވެ.

މީގެއިތުރުން، ކަނޑުމަގުން ބަލިމީހުން އުފުލުމަށް ބޭނުންކުރާ ސީ އެމްބިއުލަންސްގެ ހިދުމަތްވެސް މި މުއްދަތުގައި ބޭނުންކޮށްފައިވެއެވެ. އެގޮތުން ސީ އެމްބިއުލަންސް E9 54 އިން މިދިޔަ ހަފުތާގައި އެއް މެޑިކަލް އިވެކުއޭޝަން ކުރިއަށްގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. ނަމަވެސް މި ދަތުރުތަކުގައި އުފުލި ބަލިމީހުންގެ ތަފްސީލެއް ސިފައިން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފް ކުރުމުގެ ކުރިން، ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމަށް އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓާއި ހެލިކަޕްޓަރުތައް ފުޅާދާއިރާއެއްގައި ބޭނުންކުރިއެވެ. ނަމަވެސް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމާއެކު، އެމްއެންޑީއެފްގެ ވައިގެ ވަސީލަތްތައް މި މަސައްކަތުގައި ބޭނުންކުރާ މިންވަރު ވަނީ މަދުވެފައެވެ. އެހެންނަމަވެސް ކޯސްޓްގާޑުގެ އުޅަނދުފަހަރުގައި ބަލިމީހުން އުފުލުމުގެ މަސައްކަތް މެދުނުކެނޑި އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ސިއްހީ ވުޒާރާ، އާސަންދަ، އެންސްޕާ އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ފޯރުކޮށްދޭ ހިދުމަތެކެވެ. މި ހިދުމަތުގައި ބޭނުންކުރާ ޑޭޝް8 މަރުކާގެ ބޯޓަކީ އެއްފަހަރާ ދެ ބަލިމީހުން އުފުލުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. އަދި މި ހިދުމަތަށް ހާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން 15 މުވައްޒަފުން ވަނީ ތަމްރީންކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments