ދިވެހި ސާފް ލީގުގައި ލ ގަމުން ”އައުޓްރީފް“ ގެ 5 ބައިވެރިން ބައިވެރިވަނީ
Dhevihi surf league gai Laamu gamun "Outreef" ge 5 baiverin baiverivanee

ފުވައްމުލައް ސިޓީ – މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ”ދިވެހި ސާފް ލީގު 2026“ ގެ ފޯރިގަދަ ރާޅާއެޅުމުގެ މުބާރާތް މިއަދު ފުވައްމުލައް ސިޓީގައި ފަށައިފިއެވެ. ޖޫން 17 އިން 20 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ލ. ގަން ތަމްސީލުކުރުމަށް އެ ރަށުގެ ހުނަރުވެރި 5 ރާޅާއެޅުންތެރިއަކު ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގައި ލ. ގަމުން ވާދަކުރަނީ އެ ރަށުގެ ”އައުޓްރީފް ސްޕޯޓްސް ކްލަބް“ ގެ ނަމުގައެވެ. މި ޓީމުގައި ރާއްޖޭގެ ގައުމީ ސާފިން ޓީމުގައި ހިމެނޭ ލ. ގަމަށް ނިސްބަތްވާ މުހިންމު އެތުލީޓުން ވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.
ލ. ގަން ތަމްސީލުކުރާ ބައިވެރިންގެ ތެރޭގައި ހިމެނެނީ ޖާވިދު، އިނާސް އަދި އަޝްވާންގެ އިތުރުން އެ ކްލަބުގެ ޝާމް އަދި ނާފިޒް ރާޅާއެޅުންތެރިންނެވެ. މިއީ ލ. ގަމުގެ ރާޅާއެޅުންތެރިން ގައުމީ ފެންވަރުގެ މިފަދަ ބޮޑު މުބާރާތެއްގައި ބައިވެރިވެ، އެ ރަށުގެ ރާޅާއެޅުމުގެ ހުނަރު ދައްކާލުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.
ފުވައްމުލަކުގެ ރާޅުތަކުގައި ކުރިއަށްދާ މި މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެންމެ މޮޅު ރާޅާއެޅުންތެރިން ވާދަކުރާ މުބާރާތަކަށް ވާއިރު، ލ. ގަމުގެ ޓީމުން މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމަށް އެ ކްލަބުން އުންމީދު ކުރެއެވެ.
ދިވެހި ސާފް ލީގަކީ ރާއްޖޭގެ ރާޅާއެޅުންތެރިންގެ ފެންވަރު މަތިކުރުމަށާއި، މި ކުޅިވަރު އިތުރަށް ކުރިއެރުވުމަށް ބާއްވާ ސިލްސިލާ މުބާރާތްތަކުގެ ތެރެއިން މުހިންމު އެއް މުބާރާތެވެ. މި ފަހަރުގެ މުބާރާތް ފުވައްމުލަކުގައި ބޭއްވުމަކީ އެ ސިޓީގެ ކުޅިވަރު ފަތުރުވެރިކަމަށް ވެސް ލިބޭ ބޮޑު ކުރިއެރުމެކެވެ.
ލ. ގަން: ލ. ގަން ކައުންސިލްގެ މާލީ އެހީތެރިކަމާއެކު، ކުރިއަށް އޮތް ސާފް ލީގުގައި ބައިވެރިވުމަށް އައުޓްރީފް ސްޕޯޓްސް ކްލަބުން ފުރިހަމައަށް ތައްޔާރުވަމުންދާކަން އެ ކްލަބުން ހާމަކޮށްފިއެވެ.
މި މުބާރާތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އައުޓްރީފް ސްޕޯޓްސް ކްލަބުގެ މެނޭޖަރު ވިދާޅުވީ، ރަށު ކައުންސިލުން ފޯރުކޮށްދެއްވި މާލީ އެހީތެރިކަމަކީ ކްލަބުގެ ކުރިއެރުމަށާއި، މިފަދަ ބޮޑު މުބާރާތެއްގައި ބައިވެރިވުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. މެނޭޖަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލްގެ މި އެހީތެރިކަމުގެ ސަބަބުން ޓީމުގެ ތައްޔާރީތަކަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ހޯދުމަށް މަގުފަހިވެގެން ގޮސްފައިވެއެވެ.
ސާފް ލީގަކީ ރާއްޖޭގެ ރާޅާ އެޅުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މުހިންމު މުބާރާތަކަށްވާއިރު، ލ. ގަން ތަމްސީލުކުރުމަށް އައުޓްރީފް ސްޕޯޓްސް ކްލަބުން ނުކުންނަނީ ވަރުގަދަ އަޒުމަކާއެކުގައެވެ. މި މުބާރާތުގެ ޒަރީއާއިން ރަށުގެ ޒުވާން ހުނަރުވެރިންނަށް ފުރުސަތުތައް ހޯދައިދީ، ކުޅިވަރުގެ ދާއިރާއިން ރަށަށް ރީތި ނަން ހޯދައިދިނުމަކީ ކްލަބާއި ކައުންސިލްގެވެސް މުހިންމު އަމާޒެކެވެ. ގަމު ކައުންސިލުން ވިދާޅުވީ ރަށުގެ ކުޅިވަރު ކްލަބް ޖަމިއްޔާތައް ކުރިއެރުވުމަށާއި، ޒުވާނުންގެ ހުނަރު އިތުރުކުރުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި ކައުންސިލްގެ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށެވެ. އައުޓްރީފް ސްޕޯޓްސް ކްލަބުން މިހާރު ދަނީ މުބާރާތަށް ތައްޔާރުވުމުގެ އެންމެ ފަހުގެ ތަމްރީނުތައް ފުރިހަމަކުރަމުންނެވެ.




