ސައިބަރ ސެކިއުރިޓީގެ ބިލަށް ޚިޔާލު ހުށަހެޅުން ޖުލައި އެކަކާ ހަމައަށް ހުޅުވާލައިފި
Cyber securityge billah khiyaalu hushaelhun july ekakaa hama ah hulhuvaalafi

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސައިބަރ ސެކިއުރިޓީގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފިއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 17 އިން ފެށިގެން ޖުލައި މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާޞިހު ހުށަހަޅުއްވާފައިވާ މި ބިލަކީ ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށް ހުށަހެޅި ބިލެކެވެ. މި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއެއް އުފެއްދުން
މި ބިލުގެ ދަށުން ރާއްޖޭގެ ސައިބަރ ވެށި ރައްކާތެރިކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރުމަށް ”ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ“ ގެ ނަމުގައި ވަކި އިދާރާއެއް އުފެއްދުމަށް ވަނީ ހުށަހަޅާފައެވެ. ރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ ސިޔާސަތުތައް ކަނޑައަޅާނީ މި އެޖެންސީގެ ލަފާގެ ދަށުން ޤައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ.
ލައިސަންސް ނެތި ޚިދުމަތް ދިނުމުގެ އަދަބު
ސައިބަރ ސެކިއުރިޓީގެ ވަކި ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކުން ޚާއްސަ ލައިސަންސެއް ނަގަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ލައިސަންސް ނެތި މިފަދަ ޚިދުމަތެއް ފޯރުކޮށްދޭ ފަރާތްތައް 50,000 ރުފިޔާ އާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ސައިބަރ ސެކިއުރިޓީއާ ގުޅިގެން ޤައުމީ ފެންވަރުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، ދައުލަތާއި އަމިއްލަ އިދާރާތަކުގެ އިންފޮމޭޝަން ސިސްޓަމްތަކުން ފުރިހަމަކުރަންޖެހޭ ކަންކަން މި ބިލުގެ ދަށުން ކަނޑައަޅާނެއެވެ. އަދި ދާޚިލީ އަދި ބޭރުގެ ސައިބަރ ހިރާސްތައް ދެނެގަނެ، އެފަދަ ހާދިސާތައް ހުއްޓުވުމަށް ޤާބިލް ނިޒާމެއް އެކުލަވާލުމުގެ އުސޫލުތައްވެސް މި ބިލުގެ ތެރޭގައި ހިމެނެއެވެ.




