ޑީ.އާރު.ސީ 1974 ގެ ވާލްޑު ކަޕްގެ ހިތި ހަނދާން
DRC 1974 ge World Cup ge hithi handhaan

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީ.އާރް.ސީ) ގެ 1974 ވަނަ އަހަރުގެ ވޯލްޑް ކަޕް ދަތުރަކީ ފުޓްބޯޅައިގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ އާދަޔާޚިލާފު، އަދި ހިތާމަވެރި އެއް ވާހަކައެވެ.
ކޮންގޯގެ ނަން ”ޒައިރް“ ގެ ގޮތުގައި މަޝްހޫރުވެފައި އޮތް ދުވަސްވަރު، އެ ޤައުމުން 1974 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެ ތާރީޚީ ކާމިޔާބީއެއް ހޯދިއެވެ. ނަމަވެސް، އެ މުބާރާތުގައި އެ ޤައުމަށް ކުރިމަތިވި ކަންތައްތަކަކީ މިއަދުވެސް ދުނިޔެ ހައިރާންކޮށްލާ ފަދަ ހިތްދަތި ހާދިސާތަކެކެވެ.
ޒައިރްގެ މުބާރާތް ފެށިގެން ދިޔައީ ވަރަށް ނާކާމިޔާބުކޮށެވެ. ފުރަތަމަ މެޗުގައި ޔޫގޯސްލާވިއާ އަތުން 9-0 ކުން ބަލިވިއިރު، ދެވަނަ މެޗުގައި ސްކޮޓްލޭންޑް އަތުން ބަލިވީ 2-0 ކުންނެވެ.
މި ނަތީޖާތަކާ ގުޅިގެން، އެ ޤައުމުގެ އޭރުގެ ޑިކްޓޭޓަރު މޮބޫޓޫ، ޖަރުމަނުގައި އޮތް ވޯލްޑް ކަޕަށް ވަޑައިގެންނެވިއެވެ. އޭނާގެ ބޮޑީގާޑުން ޓީމުގެ ޗޭންޖިންގް ރޫމަށް ފޮނުވައި، ކުޅުންތެރިންނަށް ބިރުވެރި އިންޒާރެއް ދިނެވެ. އެ އިންޒާރުގައި ބުނެފައިވަނީ، ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗުން 3-0 ކަށް ވުރެ ބޮޑު ނަތީޖާއަކުން ބަލިވެއްޖެނަމަ، އެއްވެސް ކުޅުންތެރިއަކަށް އެނބުރި ޤައުމަށް ނުދެވޭނެ ކަމަށެވެ.
މި ބިރުވެރިކަމުގެ ތެރޭގައި ތިބެ، ޒައިރްގެ ކުޅުންތެރިން ބްރެޒިލާ ދެކޮޅަށް ކުޅެން ނުކުތެވެ. މެޗުގެ ވަކި ހިސާބަކުން ބްރެޒިލް 2-0 ކުން ކުރީގައި އޮއްވާ، އެ ޓީމަށް ހިލޭ ޖެހުމެއް ލިބުނެވެ. ބްރެޒިލްގެ ޖައިރްޒީނިއޯ އެ ބޯޅަ ޖަހަން ތައްޔާރުވަމުން ދަނިކޮށް، ޒައިރްގެ ކުޅުންތެރިޔެއް ކަމަށްވާ މ.ވޭޕޫ އިލުންގާ ކުއްލިއަކަށް ދުވެފައި ގޮސް، ރެފްރީ އިޝާރާތްކުރުމުގެ ކުރިން ބޯޅަ ޖަހައި ދުރަށް ފޮނުވާލިއެވެ. އަދި އަލުން ބޯޅަ ބޭއްވުމުންވެސް އޭނާ ހަމަ އެގޮތަށް ކަންތައް ކުރިއެވެ.
ހައިރާންވާންޖެހޭ ކަމަކީ، މި ޢަމަލަށްޓަކައި ރެފްރީ އޭނާއަށް ރަތް ކާޑެއް ނުދެއްކުމެވެ. އޭރު ބީ.ބީ.ސީގެ ކޮމެންޓޭޓަރު މި ހާދިސާ ސިފަކުރީ ”އެފްރިކާ މީހުންގެ ކިބުރުވެރިކަމާއި ބޮޑާވެރިކަމުގެ“ ގޮތުގައެވެ. ނަމަވެސް، އޭގެ އެތައް އަހަރެއް ފަހުން އެ ކޮމެންޓޭޓަރު ވަނީ އެހެން ބުނި ބުނުމާ މެދު މާފަށް އެދިފައެވެ.
މި ހާދިސާގެ އަސްލު ޙަޤީޤަތް އިލުންގާ ފަހުން ހާމަކުރިއެވެ. އޭނާ ބުނި ގޮތުގައި، އޭނާ އެކަން ކުރީ ގަސްތުގައި ރަތް ކާޑެއް ހޯދައިގެން ދަނޑުން ފޭބުމަށެވެ. ނަމަވެސް ރެފްރީ އޭނާއަށް ރަތް ކާޑު ދައްކަން ދެކޮޅު ހެދީއެވެ.
މުބާރާތް ނިމުމުން ޒައިރްގެ ޓީމަށް އެނބުރި ޤައުމަށް ދިޔުމުގެ ހުއްދަ ލިބުނެވެ. އެކަމަކު އެމީހުން ޤައުމަަށް ދިޔައިރު، އެމީހުންނާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ވަނީ ހިންގާފައެވެ. ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޖީލުގެ ޝަރަފު ދިނުމުގެ ބަދަލުގައި، އަމިއްލަ ޤައުމުން އެމީހުންނަށް ލިބުނީ މަލާމާތާއި އިހާނެތިކަމެވެ.
މި ހިތާމަވެރި ވާހަކަ މިހިސާބުން ނިމުނީއެއް ނޫނެވެ. އެ ޓީމުގެ ބައެއް ކުޅުންތެރިން ފަހުން ދުނިޔެ ދޫކުރީ ނިކަމެތި ހާލުގައި، ފަޤީރުކަމުގައެވެ. މޮބޫޓޫގެ ނިންމުމާ އެކު، އެ ޤައުމުގެ ފުޓްބޯޅައަށް ދެމުންދިޔަ ހުރިހާ އެހީތަކާއި ބަޖެޓެއް އެއްކޮށް ހުއްޓާލިއެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތާ ހަމައަށް ދަތުރުކުރި އެ ޒުވާން ކުޅުންތެރިންގެ މުސްތަގުބަލު މުޅިން ބަނަވެގެން ދިޔައެވެ.
މިއީ ފުޓްބޯޅައިގެ ތާރީޚުގައި ލިޔެވިފައިވާ ވަރަށް އަސަރުގަދަ ވާހަކައެކެވެ. ތާރީޚީ ކާމިޔާބީއެއްގެ ފަޚުރުވެރިންގެ ގޮތުގައި ފާހަގަކުރަންޖެހޭ ބަޔަކަށް ލިބުނީ ބިރުވެރިކަމާއި، މަލާމާތާއި، ނިކަމެތިކަމެވެ. މިއީ ވޯލްޑް ކަޕަކީ ހަމައެކަނި ތަށިތަކާއި ނަތީޖާތަކެއް ނޫންކަން ހަނދާންކޮށްދޭ ހާދިސާއެކެވެ. މިއީ ކުޅިވަރުގެ ފަހަތުގައިވާ އިންސާނީ އިހުސާސްތަކާއި، ކެތްތެރިކަމާއި، އަދި ބައެއް ފަހަރު ކުރިމަތިލާންޖެހޭ ހިތްދަތި ޙަޤީޤަތްތަކުގެ ލާމަސީލު މިސާލެކެވެ.




