ގާނޫނީ ހުސްކަމެއްގެ ތެރެއިން އަތޮޅު ކައުންސިލްތަކުގެ ޓްރާންސްޕޯޓް ހިދުމަތްތައް ހުއްޓިއްޖެ
Qanoonee huskamehge therein atholhu council thakuge transport khidhumaithah huhtijje

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން އަތޮޅު ކައުންސިލްތައް އުވާލުމުން، އެ ތަންތަނުން ފީ ނަގައިގެން ދެމުންދިޔަ މުހިއްމު ހިދުމަތްތަކެއް ގާނޫނީ ސުވާލުތަކެއްގެ ތެރެއަށް ވެއްޓި، އެއްކޮށް ހުއްޓިއްޖެ އެވެ.
އަތޮޅު ކައުންސިލްތަކުން ދެމުންދިޔަ ހިދުމަތްތަކުގެ ތެރެއިން ޓްރާންސްޕޯޓާ ގުޅޭ ހިދުމަތްތައް މިއަދުން ފެށިގެން ހުއްޓާލާފައިވާކަން ރާއްޖޭގެ އެކި އަތޮޅު އޮފީސްތަކުން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
އަތޮޅު ކައުންސިލްތަކުން މީގެ ކުރިން ދެމުންދިޔަ ހިދުމަތްތަކުގެ ތެރޭގައި އުޅަނދުފަހަރުގެ ލައިސެންސް ހެއްދުމާއި، އަހަރީ ފީ ބަލައިގަތުމުގެ އިތުރުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) މެދުވެރިކޮށް ދެމުންދިޔަ އައިޑީކާޑުގެ ހިދުމަތްތައް ހިމެނެ އެވެ. ނަމަވެސް ގާނޫނީ އޮނިގަނޑަށް އައި ބަދަލާއެކު މި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
މި މައްސަލަ ދިމާވާން މެދުވެރިވީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު މިދިޔަ މަހުގެ 17 އިން ފެށިގެން އަތޮޅު ކައުންސިލްތައް އުވާލައި، އެ ތަންތަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދަށުން ހިންގާ ”އަތޮޅު އޮފީސްތަކަކަށް“ ބަދަލުކުރުމުންނެވެ. ގާނޫނު ބުނާގޮތުން ރައްޔިތުންގެ އަތުން ފީ ނަގައިގެން ހިދުމަތް ދިނުމުގެ ބާރު އޮންނަނީ ހަމައެކަނި އިންތިހާބުކޮށްފައިވާ ކައުންސިލްތަކަށެވެ. ނަމަވެސް، އަތޮޅު ކައުންސިލްތައް އުވުމުން މިހާރު އުފެދިފައިވާ އަތޮޅު އޮފީސްތަކަކީ އެލްޖީއޭގެ އިދާރީ ގޮފިތަކަކަށް ވާތީ، ރައްޔިތުންގެ އަތުން ފައިސާ ނުވަތަ ފީ ބަލައިގަތުމުގެ ގާނޫނީ ބާރެއް އެލްޖީއޭއަކަށް ނޯވެ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، މީގެ ކުރިން ރާއްޖޭގައި ތިން ފަންތިއެއްގެ ކައުންސިލްތައް އޮތެވެ. އެއީ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކެވެ. ނަމަވެސް، އަތޮޅު ކައުންސިލްތަކުގެ ސަބަބުން ހަރަދު ބޮޑުވުމާއި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މެދުގައި މަސްއޫލިއްޔަތުތައް ފުށުއަރާ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ އަތޮޅު ކައުންސިލްތައް އުވާލަން ނިންމާފަ އެވެ.
މި ނިންމުމާ އެކު، އަތޮޅު ފެންވަރުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ސަރުކާރުގެ މަރުކަޒީ އިދާރާއެއް ކަމަށްވާ އެލްޖީއޭގެ ދަށަށް ބަދަލުކުރެވުނެވެ. ނަމަވެސް، ގާނޫނެއް އިސްލާހުކުރާއިރު، އޭގެ ދަށުން ދެމުންދިޔަ ހިދުމަތްތައް ބަދަލުވާނެ ގޮތުގެ ”އިންތިގާލީ އުސޫލެއް“ ނުވަތަ ބާރުތައް ބަދަލުވާނެ ސާފު މާއްދާއެއް ހިމަނާފައި ނެތުމުން މިވަނީ ގާނޫނީ ހުސްކަމެއް އުފެދިފަ އެވެ.
މި ގާނޫނީ ހުސްކަމުގެ ސަބަބުން އަތޮޅުތަކުގެ ރައްޔިތުންނަށް ޒަރޫރީ ގިނަ ހިދުމަތްތަކެއް ހޯދުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. މި މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެ ނަމަ، އަތޮޅުތަކުގެ އިދާރީ ހިންގުމަށް އިތުރު ބުރޫތަކެއް އެރުމަކީ އެކަށީގެންވާ ކަމެކެވެ.




