ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތް ބާއްވައިފި

kanduthakuge dhuvahuge munaasabathugai baahvaa farumass verikamuge mubaaraai baahvaifi

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ރަށު ކައުންސިލްތަކުން އިންތިޒާމު ކޮށްގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތް މިއަދު ބާއްވައިފިއެވެ.

މި މުބާރާތް ފެށުމަށް މިއަދު މެންދުރުފަހު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައިވެސް މިމުބާރާތުގައި ގިނަ އަދަދަކަށް ޓީމުތައް ބައިވެރިވެފައިވަނީ ހަމައެކަނި އިނާމުތަކުގެ ސަބަބުން ނޫން ކަމަށާއި، މިއީ މިފަދަ ހަރަކާތްތަކަށް ރައްޔިތުންގެ ހުރި ޝައުޤުވެރިކަން ހާމަވާ ކަމެއް ކަމަށެވެ. ވަޒީރު ވަނީ މި ހަރަކާތް އިންތިޒާމް ކުރުމުގައި ރަށްރަށުގެ ކައުންސިލުތަކުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާފައެވެ. ”މި މަސްރޭހަށް ހުޅުވާލުމުން ހުރިހާ އަތޮޅަކުންވެސް ބައިވެރިވި، އަތޮޅުތެރެއިން ވެސް ގާތްގަނޑަކަށް 100 އެއްހާ ޓީމު އެބަ ބައިވެރިވޭ،“ ވަޒީރު ވިދާޅުވިއެވެ.

މުބާރާތުގެ ބައިވެރިންނާއި ސްޕޮންސަރުން

މި މުބާރާތުގައި މާލެ ސިޓީން 18 ޓީމަކުން 190 ފަރާތެއް ބައިވެރިވާއިރު، ރާއްޖޭގެ 64 ރަށަކުން 91 ޓީމު ބައިވެރިވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ. މި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރޭގައި ވަރަށް ތަޖުރިބާކާރު ޓީމުތަކާއި އާއިލީ ޓީމުތައް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި މުބާރާތުގެ މައިގަނޑު ސްޕޮންސަރުންގެ ތެރޭގައި ބީއެމްއެލް، އެޗްޑީސީ، މިފްކޯ، ސަން އިންޓަނޭޝަނަލްސް، ހޮރައިޒަން ފިޝަރީޒް، ލިލީ އިންޓަނޭޝަނަލްސް، އޯޝަން ވޯރިއާސް، އެމްޕީއެލް އަދި ދިރާގު ހިމެނެއެވެ. ޚާއްސަކޮށް އެޗްޑީސީގެ ފަރާތުން ލިބޭ އެހީތެރިކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

އިނާމުތަކާއި ޕޮއިންޓް ދޭނެ އުސޫލު

މުބާރާތުގެ މުޅި ރާއްޖެއިން އެއްވަނައަށްދާ ޓީމަކަށް 30,000 ރުފިޔާ، ދެވަނައަށް 25,000 ރުފިޔާ އަދި ތިންވަނައަށް 20,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަހައްދުން ވަނަތަކަށް ދާ ފަރާތްތަކަށް އެޗްޑީސީން ވަނީ ޚާއްސަ ފައިސާގެ އިނާމުތަކެއް ހުށަހަޅާފައެވެ. އެގޮތުން މާލެ ސަރަހައްދުން އެއްވަނައަށް 15,000 ރުފިޔާ އަދި އެންމެ ބަރު މަސް ބާނާ ފަރާތަކަށް 2,000 ރުފިޔާ ލިބޭނެއެވެ.

މުބާރާތުގައި ޕޮއިންޓް ދިނުމުގައި ބަލާނީ ބާނާ މަހުގެ ބާވަތާއި ބަރުދަނަށެވެ. މަސްތައް ތިން ކެޓަގަރީއަކަށް ބަހާލާފައިވާއިރު، އެންމެ ގިނަ ޕޮއިންޓް ލިބެނީ ރަތްމަހާއި ފިލޮޅު ފަދަ ބާވަތްތައް ހިމެނޭ ފުރަތަމަ ކެޓަގަރީއަށެވެ. މި ކެޓަގަރީގެ ކޮންމެ ކިލޯއަކަށް 20 ޕޮއިންޓް ލިބޭނެއެވެ. ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މި މުބާރާތުގެ އިތުރުން ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments