މިހަފުތާގައި އާމްދަނީއާއި ޚަރަދުގެ ސަރވޭ ލ.އަތޮޅާއި އައްޑޫ ސިޓީގައި ކުރިއަށްދާނެ

Mihafthaagai aamdhanee aai kharadhuge survey laamu atholhaao addu citygai kuriahdhaane

ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތް ބެލުމަށް މުޅި ރާއްޖޭގައި ކުރިއަށްގެންދާ ސަރވޭ، މި ހަފުތާގައި އައްޑޫ ސިޓީ، ލ. އަތޮޅު އަދި ނ. އަތޮޅުގައި ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފިއެވެ. މި އަތޮޅުތަކުން ހޮވާލެވުނު ރަށްތަކުގައި މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަރވޭގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.

ކޮންމެ 5 ނުވަތަ 6 އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ މި ސަރވޭއަކީ، މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ފެށި މަސައްކަތެކެވެ. އަތޮޅުތަކުގައި ސަރވޭގެ މަސައްކަތް މިދިޔަ މަހު ފަށާފައިވާއިރު، މިހާތަނަށް ކ. އަތޮޅާއި މ. އަތޮޅުން ހޮވާލެވުނު ރަށްތަކުގައި ވަނީ މަސައްކަތް ނިންމާފައެވެ. އަދި މާލޭގައި މިހާތަނަށް މައުލޫމާތު އެއްކުރުމުގެ ދެ ބުރެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސަރވޭގެ މައިގަނޑު މަޤުޞަދުތައް

މި ސަރވޭގެ މައިގަނޑު ބޭނުމަކީ ގޭބިސީތަކުގެ އެވްރެޖް ޚަރަދާއި އެކި ކަންކަމަށް ހޭދަކުރާ މިންވަރު ދެނެގަތުމެވެ. މީގެ އިތުރުން ރާއްޖޭގެ ފަޤީރުކަމުގެ މިންގަނޑު އެކުލަވާލުމާއި، ބާޒާރުގެ އަގުތަކުގެ މިންގަނޑު ނުވަތަ ސީ.ޕީ.އައި (CPI) ގެ ބުރަދަން އިސްލާހުކުރުމަކީވެސް މި ސަރވޭގެ މަޤުޞަދެކެވެ. އަދި ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުތައް ބެހިފައިވާ ގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް މީގެ ސަބަބުން އެކުލަވާލެވޭނެއެވެ.

މި ސަރވޭގައި ގޭބިސީތަކުން ހަފުތާއަކު ކުރާ ޚަރަދާއި، 3 މަހާއި 12 މަހާ ދެމެދު ކުރާ އެކި ޚަރަދުތަކުގެ މަޢުލޫމާތު އެއްކުރާނެއެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ފެންވަރާއި، ހަރުމުދަލާއި، ވަޒީފާއާއި އާމްދަނީގެ އިތުރުން ބޭސްފަރުވާއާއި ދަތުރުފަތުރަށް ކުރާ ހޭދައިގެ މަޢުލޫމާތު ހިމެނެއެވެ. ޖުމުލަ 4,095 ގޭބިސީއަކުން މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި މާލެއާއި ސިޓީތަކުން 2,085 ގޭބިސީ އަދި އަތޮޅުތަކުން 2,010 ގޭބިސީ ހިމެނެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ މި ސަރވޭގައި އެއްކުރާ ހުރިހާ މަޢުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓާނެ މަޢުލޫމާތުތަކެއް ކަމަށެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވާނީ ތަމްރީންކުރެވި، ހުއްދަ ލިބިފައިވާ އޮފިޝަލުން ކަމަށްވާތީ، އޮފިޝަލުން ދާ ވަގުތުތަކުގައި ފަސޭހައިން މަޢުލޫމާތު ލިބޭނެ މަގު ފަހިކޮށްދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. ސަރވޭގެ ހޯދުންތައް ރިވިއުކުރުމަށްފަހު، އެކަމުގެ ރިޕޯޓު އާންމުކުރާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments