ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީ

Rahrashugai boahiyaavahikamuge ithuru mashroouthakeh ifthithaahukuranee

މާލެ ސަރަޙައްދުން ބޭރުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު ސްކީމްތަކެއް އިފްތިތާޙްކުރުމަށް ތައްޔާރުވަމުންދާކަމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި ސްކީމްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމީކޮށް އިފްތިތާޙްކުރުމަށް އެ ވުޒާރާއިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ރާވާފައިވަނީ މައިގަނޑު ދެ މޮޑެލްއަކަށް ބަހާލައިގެން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އަގުހެޔޮކޮށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ ”އެފޯޑަބަލް ހައުސިންގ“ މަޝްރޫޢުތަކާއި، މާލީ އިދާރާތައް މެދުވެރިކޮށް ފައިނޭންސިންގ ހޯދައިގެން އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރެވޭނެ ސްކީމްތަކެވެ.

ދެ މޮޑެލްއެއްގެ ދަށުން މަޝްރޫޢުތައް ކުރިއަށްދާނެ

ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވި ގޮތުގައި، އަލަށް ފަށާ މި މަޝްރޫޢުތަކުގެ ސަބަބުން ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ބޭނުންވާ ފެންވަރެއްގެ ހައުސިންގއަކަށް ކުރިމަތިލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ”މި ދެ މަޝްރޫޢަކީ މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ރަށްރަށުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މަޝްރޫޢުތަކެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ދެ މަޝްރޫޢު އަޅުގަނޑުމެންނަށް އިފްތިތާޙްކުރެވިގެންދާނެ،“ ނާޒިމް ވިދާޅުވިއެވެ.

ސަރުކާރުގެ މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން މާލެ ސަރަޙައްދަށް ހިޖުރަކުރާ މިންވަރު މަދުކުރުމެވެ. ވަކިން ޚާއްޞަކޮށް، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އެމީހުން މަސައްކަތްކުރާ ސަރަޙައްދާ ގާތުން އާއިލާއާއެކު ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.

އަރބަން ސެންޓަރުތަކާއި ލޯކަލް ހައުސިންގ

ރަށްރަށުގައި ގެދޮރުވެރިކަން ފަހިކޮށްދިނުމަކީ މާލެއަށް ބަރޯސާވުން ކުޑަކޮށް، ސަރުކާރުން ކަނޑައަޅާފައިވާ އަރބަން ސެންޓަރުތައް ތަރައްޤީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ. މީގެ އިތުރުން، ރަށްރަށުގައި ކުރިން ފަށާފައި ހުރި ނަމަވެސް އެކި ސަބަބުތަކާހުރެ ހުއްޓިފައިވާ މަޝްރޫޢުތައް ނިންމުމަށްވެސް ޚާއްޞަ އިސްކަމެއް ދެމުންދާކަން ވުޒާރާއިން ފާހަގަކުރެއެވެ.

މިހާރުވެސް ސަރުކާރުން ކުރިއަށްގެންދާ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން، އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި 43 ރަށަކުން މިހާރުވެސް ވަނީ ކުރިމަތިލާފައެވެ. މި ހުރިހާ މަޝްރޫޢުތަކަކާއެކު، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް މި ދައުރުގެ ތެރޭގައި ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments