މެޖިސްޓްރޭޓް ކޯޓުތަކުން ފެމިލީ މީޑީއޭޝަންގެ ޚިދުމަތް ފަށަނީ

Magistrate court takun family mediationge khidhumaiy fashanee

އަންނަ އަހަރުން ފެށިގެން އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުން ފެމިލީ މީޑީއޭޝަންގެ ޚިދުމަތް ލިބިގެންދާނެކަމަށް އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އިޢުލާނު ކުރައްވައިފިއެވެ. އުއްތަމަފަނޑިޔާރު މިކަން ހާމަކުރެއްވީ ނޭޝަނަލް ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމާއި، ކުޑަކުދިންނާއި އަންހެނުންނަށް ޢާއިލީ ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ކުރިމަތިވާ ނާޒުކު ޙާލަތްތަކާ ގުޅޭ ދިރާސާ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، އަތޮޅުތަކުން މި ޚިދުމަތް ލިބިގެންދިޔުމަކީ ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ލިބޭ މުހިއްމު ފުރުޞަތެއް ކަމަށެވެ. ރާއްޖޭގެ ކޯޓުތަކަށް ހުށައެޅޭ ޢާއިލީ މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ނިމިދިޔަ އަހަރު ފެމިލީ ކޯޓުގައި 5102 ކައިވެނިކޮށްދީފައިވާއިރު 3498 ވަރިކޮށްދީފައިވާ ކަމަށެވެ.

މީޑިއޭޓަރުން ތަމްރީންކުރުމުގެ މަސައްކަތް ފެށުން

އުއްތަމަފަނޑިޔާރު ވިދާޅުވީ މުޖުތަމަޢުގައި ޢައިލީ މައްސަލަތަކުގެ ޙައްސާސްކަން ބޮޑުވެފައިވާތީ، 2025 ވަނަ އަހަރު ބޭއްވި ”ފަނޑިޔާރުންގެ މަހާސިންތާ“ ގައި އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގައިވެސް މީޑިއޭޝަން މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށެވެ. މިކަމަށްޓަކައި މީޑިއޭޓަރުން ތަމްރީންކުރުމުގެ މަސައްކަތް ފެށިގެންދިޔުމަކީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”މިއަދު މިފަށާ ޕްރޮގްރާމަށްފަހު މީޑިއޭޓަރުން ތަމްރީންކުރުމުގެ ކަންކަން ހުއްޓުމެއް ނެތި ކުރިއަށްގެންގޮސް މެޖިސްޓްރޭޓް ކޯޓުތަކުގައިވެސް މާލޭގައި ހުންނަ ފެމިލީ ކޯޓެކޭ އެއްފަދައިން ފެމިލީ މީޑީއޭޝަންގެ ޚިދުމަތް ފެށުމުގެ ދަތުރުފެށޭނެ. މިއީ ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ލިބޭނެ މުހިއްމު ފުރުސަތެއް،“ އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

މީޑިއޭޝަންގެ މުހިއްމުކަން

ކައިވެނި ރޫޅުމުގެ ސަބަބުން އުފަންވާ އިޖުތިމާޢީ މައްސަލަތަކަށް އިޝާރާތްކުރައްވައި އުއްތަމަފަނޑިޔާރު ވިދާޅުވީ، ކޯޓު މަރުޙަލާގައި ދެމީހުން އެކަކު އަނެކަކަށް މޮޅުވާން މަސައްކަތް ކުރި ނަމަވެސް، މީޑިއޭޝަން މަރުޙަލާގައި އިސްކަންދޭނީ ކުދިންނަށް އެންމެ ރަނގަޅު ގޮތް ނިންމުމަށް ކަމަށެވެ. އަދި މީޑިއޭޝަންގެ ސަބަބުން ގުޅުންތައް އިޔާދަކުރުމަށް ފުރުސަތު ލިބި، ކައިވެނި ނިމުނު ނަމަވެސް އިޙްތިރާމާއި އޯގާތެރިކަމާއެކު މުޢާމަލާތު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ނޭޝަނަލް ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ޓްރެއިނަރުން ތަމްރީންކުރުމުގެ މަސައްކަތް އާދިއްތަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ޓްރެއިނަރުން މެދުވެރިކޮށް މީޑިއޭޓަރުން ތަމްރީންކުރުމުގެ މަސައްކަތް އަންނަ މަހު ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments