ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި

Kanduthakuge dhuvas faahagakurumuge harakaaithah kaamiyaabu kamaaeku ninmaalaifi

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ސިލްސިލާ ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ތަފާތު އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މަސްވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ރޭވި ހަރަކާތްތަކަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ތައްޔާރުވެގެން ކުރިއަށް ގެންދިޔަ ކަންތައްތަކެއް ނަމަވެސް، އެ ހަރަކާތްތައް ނިމިގެންދިޔައީ ވަރަށް ކާމިޔާބުކަމާއެކު ކަމަށެވެ.

މަސްރޭހާއި މޫދު ހަރަކާތްތަކަށް ބޮޑު ތަރުހީބެއް

ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ހަރަކާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މަސްރޭހެވެ. މި މަސްރޭހުގައި ރާއްޖޭގެ 64 ރަށަކުން 200 އަށްވުރެ ގިނަ ޓީމު ބައިވެރިވެފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ”އެންމެން މޫދަށް“ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.

މި ހަރަކާތްތަކުގެ ތެރޭގައި މޫދު ކުޅިވަރުތަކާއި، މޫދު ޑިސްކަވަރ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މުއްޠަލިބް ވިދާޅުވި ގޮތުގައި މިފަދަ ހަރަކާތްތަކުން ދިވެހިން މޫދާ އޮންނަ ގާތް ގުޅުމާއި، މިފަދަ އިޖުތިމާއީ ކަންކަމުގައި ލިބޭ އެއްބާރުލުން ވަރަށް ބޮޑަށް ހާމަވެގެން ދިޔައެވެ.

ހުޅުމާލޭގައި މުރަކަ އާލާކުރުމުގެ މަޝްރޫޢެއް

ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން އެޗްޑީސީ އާއި އީއާރްއޭ ގުޅިގެން ހުޅުމާލޭގައި ވަނީ މުރަކަ އާލާކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. ހުޅުމާލޭ ފޭސް 1 އާއި 2 ގުޅޭ ޗެނަލް ބީޗްގައި ކުރިއަށް ގެންދިޔަ މި މަޝްރޫއުގައި މިހާތަނަށް 7 ފްރޭމް ވަނީ ފުރިހަމަކޮށްފައެވެ. އެޗްޑީސީއިން ބުނީ މިއީ ކުރިއަށް އޮތްތަނުގައި ސްކޫލް ކުދިންނަށް ފަރުތަކާއި މުރަކަ ހެދޭ ގޮތް ދައްކުވައިދިނުމަށް ބޭނުންކުރާނެ ތައުލީމީ ޕްރޮޖެކްޓެއް ކަމަށެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މިފަދަ ހަރަކާތްތައް ހިންގުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައުގެ މެދުގައި ކަނޑުފަޅުތަކަށް އޮންނަ ލޯބި އިތުރުކޮށް، އެ ވަސީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ރޫހު އާލާކުރުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments