ލ.އަތޮޅުގައި ކުރިއަށްގެންދިޔަ ޓްރީޓޮޕްގެ ހެލްތު ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި

Laamu.atholhugai treetopge health camp kaamiyaabukamaaeku ninmaalaifi

ޓްރީ ޓޮޕް ހޮސްޕިޓަލުން 2026 ވަނަ އަހަރަށް ރޭވި މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕްތަކުގެ ތެރެއިން ދެވަނަ ކޭމްޕް، ލާމު ގަމުގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސްޕެޝަލިސްޓް ޞިއްޙީ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލާއި، ހައްދުންމަތީ ގަމު ކައުންސިލްގެ އިތުރުން ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ޖޫން 19 އާއި 20 ގައި ބޭއްވި މި ކޭމްޕަށް އެ އަތޮޅުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 492 މީހަކަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ މަޝްވަރާ އާއި ފަރުވާ ދީފައިވެއެވެ. މީގެ ސަބަބުން މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށުގައި ތިބެގެން މާހިރުންގެ ޞިއްޙީ ހިދުމަތް ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެންދިޔައެވެ.

ބަލިތަކަށް ހާއްސަ ފަރުވާއާއި ހޭލުންތެރިކުރުވުން

މި ކޭމްޕްގައި ހިތުގެ ބަލިތައް، ހަކުރުބައްޔާއި ހޯރމޯންގެ ބަލިތައް، ކަރުންމަތީގެ ބަލިތައް، އާންމު އޮޕަރޭޝަން، ކަށީގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ބަލިމީހުން ބައްލަވައި، ޞިއްޙީ ސްކްރީނިންގް އާއި ހޭލުންތެރިކުރުވުމުގެ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. ބަލިމީހުން ބެލުމުގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށް ގަމުގެ ދަރިވަރުންނަށް ޚާއްސަ ސެޝަނެއް ވެސް ކުރިއަށްގެންދެވުނެވެ.

މީގެ އިތުރުން، ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި މައުލޫމާތު ހިއްސާކުރުމަށްޓަކައި ހާއްސަ ތަމްރީނު ސެޝަނެއްވެސް މި ކޭމްޕުގެ ތެރެއިން ވަނީ ބާއްވާފައެވެ. މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި، ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ވޮލަންޓިއަރުންގެ އެހީތެރިކަން ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.

މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ބޭއްވި 18 ވަނަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެވެ. މީގެ ކުރިން މ، ދ، ތ، ގއ، ގދ، ހއ، ލ، އަދި ށ. އަތޮޅުގައި ވެސް މިފަދަ ކާމިޔާބު ކޭމްޕްތަކެއް ވަނީ ބާއްވާފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަގުސަދަކީ ފެންވަރު ރަނގަޅު ޞިއްޙީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ގާބިލުކަން އިތުރުކުރުމާއި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދިނުންކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments