ފަރުމަސް އާލާކުރަން ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި
Farumass aalaakuran dhaskohdhey programe gai baiverivumah hulhuvaalaifi

ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުޤުވެރިވާ މީހުން ބިނާކުރުމަށްޓަކައި ހިންގާ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
”މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ ގެ ނަމުގައި ކުރިއަށްގެންދާ މި ކޯހަކީ އެ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
މިއަހަރުގެ ދެވަނަ ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 8 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ޖުމްލަ 14 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 15 ފަރާތަކަށެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނާއެކުވާ ފޯމު ފުރިހަމަކުރުމަށްފަހު، އައިޑީކާޑުގެ ކޮޕީއާއެކު އެމް.އެމް.އާރް.އައި އަށް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން [email protected] އަށް އީމެއިލް މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ. މި ޕްރޮގްރާމުގެ ބައިވެރިން މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ހުރުމާއި ކެއުމުގެ އިންތިޒާމްތައް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މިފަދަ ޕްރޮގްރާމްތަކަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އައު ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.



