އާބާދީގެ ސިއްޙީ ހާލަތު ދެނެގަތުމަށް ”މިކްސް“ ސަރވޭއެއް ފަށަނީ

Aabaadheege sih'hee haalathu dhenegathumah "Mix" survey eh fashanee

ރާއްޖޭގެ އާބާދީގެ ސިއްޙީ ހާލަތާއި ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތާއި ތަފާސްހިސާބުތައް ދެނެގަތުމަށްޓަކައި، މިއަހަރުގެ ތެރޭގައި ”މަލްޓިޕްލް އިންޑިކޭޓަރ ކަލަސްޓަރ ސާރވޭ“ (މިކްސް) ކުރުމަށް ނިންމާފައިވާކަމަށް ޞިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

މި ދިރާސާއަކީ ޔުނިސެފްގެ އެހީތެރިކަމާއެކު ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދާ މުހިއްމު ސަރވޭއެކެވެ.

މި ސަރވޭގެ މަޤްޞަދަކީ އާބާދީގެ ޞިއްޙީ ހާލަތުގެ އިތުރުން ކުޑަކުދިންގެ ރައްކާތެރިކަމާއި ތައުލީމު ހިމެނޭހެން 100 އަށްވުރެ ގިނަ މިންގަނޑުތަކަށް މައުލޫމާތު އެއްކުރުމެވެ. މީގެ އިތުރުން، ރާއްޖޭގެ ދުރުރާސްތާ ޕްލޭންތަކާއި ސިޔާސަތުތައް އެކުލަވާލުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭ މިންވަރު ބެލުމަށް ބޭނުންވާ ތަފާސްހިސާބުތައް މި ދިރާސާގެ ސަބަބުން އަދާހަމަވެގެންދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ޤީލާ އަލީ ވިދާޅުވީ، ”ރާއްޖޭގައި އަދި ނޭޝައިން ވައިޑްކޮށް ދިރާސާއެއް ހެދިފައެއް ނެތް. އުންމީދު ކުރަނީ ސަރުކާރުގެ ތެރެއިން ވަރަށް އަވަހަށް މިކްސް ސަރވޭ ކިޔާ ސަރވޭއެއް ކުރިއަށް ގެންދާނެ،“ ކަމަށެވެ. މިފަހަރުގެ ސަރވޭގައި އަލަށް ނަފްސާނީ ސިއްޙަތާއި ބެހޭ މަޢުލޫމާތާއި ބޯފެނުގެ ކޮލިޓީ ޓެސްޓުކުރުން ފަދަ މުހިއްމު ބައިތަކެއް ހިމެނުމަށް ވަނީ ރާވާފައެވެ.

ރާއްޖޭގައި މީގެ ކުރިން މިކްސް ސަރވޭ ހަދާފައިވަނީ 1996 އަދި 2001 ވަނަ އަހަރުގައެވެ. އެންމެ ފަހުން ޤައުމީ ފެންވަރުގައި ކުރިއަށްގެންދިޔަ ބޮޑު ސިއްޙީ ދިރާސާއަކީ 2016-2017 ގައި ހެދި ”ޑިމޮގްރަފިކް ހެލްތު ސާރވޭ“ އެވެ. އާންމުގޮތެއްގައި ކޮންމެ 5 އަހަރަކުން ކުރާ މިފަދަ ދިރާސާތައް ކުރުމުގައި ބަޖެޓުގެ ދަތިތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، މިހާރު ވަނީ މިކަމަށް ބޭނުންވާ ފައިސާ ހަމަޖައްސާފައެވެ.

ސިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ސަރވޭގެ މަސައްކަތަށް ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ތެރެއިން 10 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިސްނަގައިގެން ކުރިއަށްގެންދާ ”މައިކްރޮނުއިޓްރިއެންޓް ސާރވޭ“ ވެސް މި ސަރވޭގެ ތެރޭގައި ހިމަނައިގެން އެއްކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިކަމަށް އިތުރު 5 މިލިއަން ރުފިޔާ ވަނީ ބަޖެޓުކުރެވިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments