މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭހެން 79 މަޝްރޫޢެއް ކުރިއަށްގެންދާ ކަމަށް އެވުޒާރާއިން ބުނެފި
Miskiythakaai islaamee marukazuthah himeneyhen 79 mashrrooeh kuriahgendhaa kamah evuzaaraain bunefi

މިސްކިތްތައް ބިނާކުރުމާއި އިސްލާމީ މަރުކަޒުތައް ބިނާކުރުން ހިމެނޭހެން ޖުމްލަ 79 މަޝްރޫޢުއެއްގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މިއީ ރާއްޖޭގެ ދީނީ އުމްރާނީ ތަރައްޤީއަށް ކުރިއަށްގެންދާ މުހިއްމު މަސައްކަތްތަކެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި 45 މިސްކިތެއް ބިނާކުރުން ހިމެނެއެވެ. މީގެ އިތުރުން 12 އިސްލާމީ މަރުކަޒެއްގެ މަޝްރޫޢުއާއި، 16 ޤުރުއާން ސެންޓަރުގެ މަޝްރޫޢު އަދި ވަޤްފު ބިނާކުރުމުގެ 6 މަޝްރޫޢުއެއް ހިމެނޭކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި މި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މި މަޝްރޫޢުތަކަކީ ރައްޔިތުންނަށް ދީނީ ތަޢުލީމާއި އަޅުކަން ކުރެވޭނެ ފަހި އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރުން އިސްކަންދޭ ކަންކަމެވެ.
މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދާ އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި ބިނާކުރާ ”ދާރުލްއަރުޤަމް“ އަދި ހުޅުމާލޭގައި ބިނާކުރާ ”ދާރުއްސަލާމް“ ވަޤްފު ޢިމާރާތް ހިމެނެއެވެ. މި ބިނާތަކަކީ އިސްލާމީ ކަންތައްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ހޯދުމަށް މަގުފަހިވެގެންދާނެ މަޝްރޫޢުތަކެކެވެ.
މީގެ އިތުރުން، ރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި ބިނާކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި ބޮޑު މަޝްރޫޢުއަށް ބޭނުންވާ ފައިނޭންސިންގ ރާއްޖޭން ބޭރުގެ ފަރާތަކުން ހަމަޖެހިފައިވާކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.




