2028 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް އެން ފޯރުކޮށްދޭން ފަށަނީ

2028 vana aharuge thereygai masverinah enn foaru kohdheyn fashanee

2028 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް އެން ފޯރުކޮށްދެވޭވަރަށް އެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވެއްޖެއެވެ.

އެމަކީ މަސްވެރިކަމުގެ ވަރަށް މުހިންމު ބަޔަކަށްވާއިރު، މިއީ ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މުހިންމު މަޝްރޫޢެކެވެ.

މެރިކަލްޗަރ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކުރުން

ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ މުއްޠަލިބް ވިދާޅުވީ، ކުރިން ރާއްޖޭގައި މެރިކަލްޗަރގެ މަސައްކަތް ކުރެވިފައިވަނީ ވަރަށް ކުޑަގޮތަކަށް ކޮޓޭޖް ލެވެލްގައި ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުގެ ވިސްނުން ހުރީ މިއީ ވަކި ސިނާއަތެއްގެ ގޮތުގައި ކުރިއެރުވުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިހާރުވެސް ރާއްޖޭގައި ޑިނގާ، ހުއިފިލަނޑާ، ފާނަ، އަދި ސީވީޑް ފަދަ ބާވަތްތައް ދަނީ ހާވެސްޓްކުރަމުންނެވެ.

މި ސިނާއަތް ކުރިއެރުވުމަށްޓަކައި މާލެ ސަރަހައްދުން ކ. މަނިޔަފުއްޓާއި އެރަށް ކައިރީގައި އޮތް ފަޅެއް ވަނީ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައެވެ. މީގެ އިތުރުން ބޭރުގެ އިންވެސްޓަރަކާ ގުޅިގެން ދިވެހި ކުންފުންޏަކުން ގދ. އަތޮޅުގައިވެސް މެރިކަލްޗަރ އިންވެސްޓްމަންޓެއް ދަނީ ކުރިއަށްގެންދަމުންނެވެ.

އެން އާލާކުރުމުގެ މަޝްރޫޢު

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ގދ. އަތޮޅުގައި ކުރިއަށްދާ އިންވެސްޓްމަންޓްގައި ފާނަ އާލާކުރުމުގެ އިތުރުން، ސަރުކާރުގެ އެދުމަކަށް އެން އާލާކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. ”އެމަކީ މަސްވެރިކަމުގައި ވަރަށް މުހިންމު ކޮންޕޯނަންޓަކަށް ވެފައި މޫސުން ގޯސްވާ ދުވަސްވަރު އެން ލިބުމުގެ ދަތިކަން މަސްވެރިން ވަރަށް ބޮޑަށް އިހްސާސްކުރަންޖެހޭ. އެހެންވީމަ އަޅުގަނޑުމެން މިވަނީ ބެއިޓް ފިޝަރީއެއްގެ ގޮތުގައި މި ފިޝަރީ ގާއިމްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި މި ބޭފުޅުންނާ އެކީގައި އެއްބަސްވުމަކަށް އާދެވިފައި،“ މުއްޠަލިބް ވިދާޅުވިއެވެ.

އުންމީދަކީ 2028 ވަނަ އަހަރުގެ ތެރޭގައި މި ކުންފުނި މެދުވެރިކޮށް މަސްވެރިންނަށް ބޭނުންވާވަރަށް އެން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިގެންދިއުން ކަމަށް ވުޒާރާއިން ބުނެއެވެ.

އިޤްތިޞާދީ ކުރިއެރުން

މެރިކަލްޗަރގެ ދާއިރާއިން މިހާރުވެސް ބައެއް ބާވަތްތައް، ޚާއްޞަކޮށް ސީވީޑް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރަން ފަށާފައިވާކަން ވުޒާރާއިން ފާހަގަކުރެއެވެ. ސަރުކާރުގެ އަމާޒަކީ ސީވީޑް އާލާކުރުން މުޅި ރާއްޖެއަށް ފުޅާކުރުމެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން އުންމީދުކުރައްވަނީ މެރިކަލްޗަރ ސިނާއަތް ފުޅާވެ، ކައިރި މުސްތަޤްބަލެއްގައި ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު އާމްދަނީއެއް މި ދާއިރާއިން ލިބިގެންދާނެ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments