ކުދި ވިޔަފާރިތަކުގެ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ބާއްވަނީ

Kudhi viyafaarithakuge dhuvas faahagakurumah haahssa harakaaithakeh baahvanee

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަސް (އެމްއެސްއެމްއީ ޑޭ) ފާހަގަކުރުމުގެ ގޮތުން، އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެގުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މާދަމާ ފާހަގަކުރާ މި ދުވަހުގެ ހަރަކާތްތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތައް ކުރިއެރުވުމާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ދުވަހާ ގުޅުވައިގެން ބީސީސީގެ ބިޒްނަސް ސެންޓަރުތައް މެދުވެރިކޮށް ”އެމް.އެސް.އެމް.އީ ބިޔޯންޑް“ ގެ ނަމުގައި ޚާއްޞަ ސެޝަންތަކެއް ކުރިއަށްގެންދާނެއެވެ. މި ސެޝަންތަކުގައި ވިޔަފާރިއެއް އަމަލީގޮތުން ކުރާނެ ގޮތާއި، ފަށާނެ ގޮތުގެ އިތުރުން ކާމިޔާބު ވިޔަފާރިވެރިންގެ ތަޖުރިބާ ހިއްސާކުރުން ހިމެނެއެވެ. މީގެ އިތުރުން ”އެމް.އެސް.އެމް.އީ ޕިޗް އަޕް“ ގެ ނަމުގައި ތައާރަފުކުރި ހަރަކާތުގެ ދަށުން ހޮވާލެވޭ އަށް ޓީމަކަށް މެންޓަރިންގ ފޯރުކޮށްދީ، އެފަރާތްތަކުގެ ވިޔަފާރި ޚިޔާލުތައް މާކެޓަށް ނެރެވޭނެ އުފެއްދުންތަކަކަށް ބަދަލުކުރުމަށް އެހީތެރިވެދޭނެއެވެ.

އެސްއެމްއީ ޑިޖިޓަލް އިން ވެސް ވަނީ މި ދުވަހަށް ޚާއްޞަ ހަރަކާތްތަކެއް ރާވާފައެވެ. އެގޮތުން ހޮނިހިރު ދުވަހު ކ. ހުރާގައި ބާއްވާ ހަރަކާތުގައި ވިޔަފާރިތަކަށް ހުރި މާލީ އެހީގެ ފުރުޞަތުތަކާއި ކުރިއެރުމަށް ބޭނުންވާ މަޢުލޫމާތު ދިނުން ކުރިއަށްދާނެއެވެ. އަދި ހޮނިހިރު ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ”އެމް.އެސް.އެމް.އީ ފެސްޓް“ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލްގައި 30 ސްޓޯލަކާއެކު މުނިފޫހިފިލުވުމާއި ކުޑަކުދިންގެ ކުޅިވަރުތައް ވެސް ކުރިއަށްދާނެއެވެ.

މީޑިއާ މެދުވެރިކޮށް މި ދުވަހުގެ މަޢުލޫމާތު ފެތުރުމަށް ”އެމް.އެސް.އެމް.އީ ޑޭ ލައިވް“ ގެ ނަމުގައި ޚާއްޞަ ޓީވީ ޕްރޮގްރާމްތަކެއް ވެސް ބްރޯޑްކާސްޓް ކުރާނެއެވެ. ބީސީސީން ބުނި ގޮތުގައި މި ހުރިހާ ހަރަކާތްތަކެއްގެ ބޭނުމަކީ ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި، ސަރުކާރުން ވިޔަފާރިތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments