މަދަނީ ޖަމުޢިއްޔާތަކަށް ދޫކުރާ ގްރާންޓަށް ހުޅުވާލައިފި
Madhanee jamiiyathakah dhookuraa grantah hulhuvaalaifi

ޞިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ގުޅިގެން ކުރިއަށްގެންދާ ”ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް“ (އެސްޖީއައިއައި) މަޝްރޫޢުގެ ދަށުން މަދަނީ ޖަމުޢިއްޔާތަކަށް ހާއްސަ ގްރާންޓް ޕްރޮގްރާމަކަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ މިންތީގެ ހަމަހަމަކަމާއި އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެކެވެ.
މި ގްރާންޓް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ”މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ޤައުމީ އެކްޝަން ޕްލޭން (2022-2026)“ އާއި ”އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު (2025-2028)“ ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމެވެ. މިގޮތުން މަދަނީ ޖަމުޢިއްޔާތަކުން އިސްނަގައިގެން ސިޓީ ނުވަތަ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އައު މަޝްރޫޢުތައް ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދޭނެއެވެ.
އެހީ ދޫކުރެވޭނެ ދާއިރާތަކާއި ޝަރުތުތައް
ސިއްޙީ ވުޒާރާއިން ވިދާޅުވި ގޮތުގައި މި އެހީއަށް އެދި ހުށަހެޅޭނީ ޖަމުޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެ، ޤަވާއިދުން ހިންގަމުންދާ ޖަމުޢިއްޔާތަކަށެވެ. އަދި މި މަސައްކަތުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން އެހެނިހެން މަދަނީ ޖަމުޢިއްޔާތަކާ ގުޅިގެން ޕާޓްނަރޝިޕް އުސޫލުން މަސައްކަތް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.
މި އެހީ އަމާޒުކުރެވިފައިވަނީ މައިގަނޑު ދެ ދާއިރާއަކަށެވެ. އެއީ ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާއާއި، އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާއެވެ.
މާލީ އެހީގެ ތަފްސީލު
ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާ ޚާއްސަކުރެވިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ރ. އަތޮޅުގައި ހިންގާ މަޝްރޫޢުތަކަށެވެ. މި ދާއިރާއިން ހިލޭ އެހީގެ ގޮތުގައި ދޫކުރާނެ އެންމެ މަތީ އަދަދަކީ 1,156,500 ރުފިޔާއެވެ. އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ދާއިރާއިން ރާއްޖޭގެ ކޮންމެ ރަށެއްގައި މަސައްކަތްކުރާ ޖަމިއްޔާއަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. މި ދާއިރާއިން ދޫކުރާނެ އެންމެ މަތީ އަދަދަކީ 925,000 ރުފިޔާއެވެ.
މި ގްރާންޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 8ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އޮންނާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.




