ލާމު އަތޮޅުގައި 3ވަނަ އެއަރޕޯޓެއް އެޅުމުގެ ވިސްނުމެއް ނެތް: ރައީސް
Laamu atholhugai 3vana airport eh elhumiuge visnumeh neiy: Raees
ލާމު އަތޮޅުގައި ތަރައްޤީކުރާނީ ޖުމްލަ ދެ އެއަރޕޯޓް ކަމަށާއި، އެ އަތޮޅުގައި ތިންވަނަ އެއަރޕޯޓެއް އެޅުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މިކަން ހާމަކުރެއްވީ މާވަށު ދާއިރާގައި އެއަރޕޯޓެއް އެޅުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދަކީ މުޅި ލާމު އަތޮޅަށް ދެ އެއަރޕޯޓް ކަމަށެވެ. އެގޮތުން މިހާރު އޮތް ކައްދޫ އެއަރޕޯޓް ބޮޑުކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ދެވަނަ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރާނީ އިސްދޫ-ކަލައިދޫ ސަރަޙައްދުގައި އެޅުމަށް ނިންމާފައިވާ އެއަރޕޯޓް ކަމަށް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.
މާވަށު ދާއިރާގައި އެއަރޕޯޓެއް ނޭޅުނު ނަމަވެސް، އެ ދާއިރާގެ ތަރައްޤީއަށް ވެފައިވާ ހުރިހާ ވަޢުދެއް ފުއްދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ”މާވަށު ދާއިރާގައި މި ދެން ހަމަ ދަންނަވަން ބޭނުންވަނީ މާވަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑު ވެފައި ހުރި ހުރިހާ ވަޢުދެއްހެން އިރާދަކުރެއްވިއްޔާ އެބަ ހިނގައޭ،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ލާމު އަތޮޅުގެ ކޮންމެ ރަށަކަށްވެސް ވެފައިވާ ވަޢުދުތައް ފުއްދުމުގެ މަސައްކަތް މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި ބާރަށް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މާވަށުގައި އެއަރޕޯޓް ނާޅައި އިސްދޫގައި އެއަރޕޯޓް އަޅަން ނިންމުމާ ގުޅިގެން މާވަށު ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ، ރައީސްގެ މި ވާހަކަފުޅަކީ އެކަމަށް ދެއްވި ސީދާ ޖަވާބެކެވެ.




