ލ.އަތޮޅުގެ ރަށްތަކެއްގައި އެމްއެންޑީއެފްގެ ތަމްރީނުތަކެއް ކުރިއަށްގެންދަނީ
Laamu atholhuge rahthakehgai MNDFge thamreenuthakeh kuirahgendhanee

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ލާމު އަތޮޅުގެ 13 ސަރަޙައްދެއްގައި އަސްކަރީ ތަމްރީނުތަކެއް މިއަދު ފަށައިފިއެވެ. މިއީ ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ސިލްސިލާކޮށް ކުރިއަށްގެންދާ ތަމްރީނުތަކުގެ ތެރެއިން ހިންގޭ ހަރަކާތެކެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވާގޮތުގައި، މިއަދުން ފެށިގެން ކުރިއަށް އޮތް 3 ދުވަހުގެ މުއްދަތަށް މި ތަމްރީނުތައް ކުރިއަށްދާނެއެވެ. މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެއެވެ. ނަމަވެސް، އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުން ނުވާނެ ގޮތަށް ބްލޭންކްސް އަދި ޕައިރޯޓެކްނިކްސް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މި ތަމްރީނުތައް ކުރިއަށްދާ ސަރަޙައްދުތަކުގެ ތެރޭގައި ލ. ބަރެސްދޫ، ފޮނަދޫ، ކައްދޫ، މާންދޫ، މުންޑޫ، މާބައިދޫ، ބޮކެފުށި، ކަޅައިދޫ، އުވަދެވިފުށި، މަހާކަންފުށި، ގަސްފިނޮޅު އަދި ބޮޑުފިނޮޅު ހިމެނެއެވެ. މީގެ އިތުރުން ލ. ގަމުގެ މުކުރިމަގު، މަތިމަރަދޫ އަދި ތުނޑި އަވަށުގައިވެސް ތަމްރީނުތައް ކުރިއަށްދާނެއެވެ.
އަހަރުގެ އެކި ދުވަސްވަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެމްއެންޑީއެފްއިން އަންނަނީ އެއްގަމާއި ކަނޑުގެ ތަފާތު ތަމްރީނުތައް ހިންގަމުންނެވެ. މިފަދަ ތަމްރީނުތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ސިފައިންގެ ލަޝްކަރު ވަރުގަދަކޮށް، އޮޕަރޭޝަނަލް ރެޑިނަސް ނުވަތަ ތައްޔާރީ ހާލަތު ވަރުގަދަކުރުމެވެ.
ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ރާއްޖޭގައި ހިންގާ ތަމްރީނުތަކުގެ އިތުރުން، ރާއްޖޭން ބޭރުގެ އެކި ޤައުމުތަކަށް ސިފައިން ފޮނުވައިގެންވެސް ތަފާތު ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރަމުންދާކަން އެމްއެންޑީއެފްއިން ފާހަގަކުރައްވައެވެ.




