ލ. ގަމު މުކުރިމަގު އަވަށުގެ ބައެއް ރުއްގަހުގެ ވެރިން ހޯދުމަށް ކައުންސިލުން އިއުލާނުކޮށްފި
Laamu. gamu mukurimagu avashuge baeh ruhgahuge verin hoadhumah councilun iulaanukohffi

ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާއިން އެ ރަށުގެ ވަކި ސަރަޙައްދެއްގައި ހުރި ރުއްގަހުގެ ވެރިން ހޯދުމަށް އިޢުލާނުކޮށްފިއެވެ.
މިގޮތުން ވެރިން ހޯދުމަށް އިޢުލާނުކޮށްފައިވަނީ ގަމު މުކުރިމަގު އަވަށު މަސްޖިދުލް ޒިކުރާ މިސްކިތުގެ ގޯތީގެ ދެކުނު ފަރާތު ފުޓްބޯޅަ ދަނޑާ ދޭތެރޭގައިވާ ރުއްގަހުގެއެވެ.
ގަމު ކައުންސިލުން މަޢުލޫމާތު ދެއްވާގޮތުގައި، އެ ސަރަޙައްދުގައި ހުރި ރުއްގަހުގެ ތެރެއިން ކައުންސިލް އިދާރާއިން A-1 ން A-37 އާ ހަމައަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިން ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، އެ ސަރަޙައްދުގައި ނަންބަރު ޖަހާފައި ހުރި ރުއްގަހުގެ ވެރިން، ކައުންސިލް އިދާރާއަށް ދުރުވެ ”ރުއް ގަހުގެ ހިސާބު ހުށަހަޅާ ފޯމު“ ނަންގަވައި، އެ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
ކައުންސިލުން އިތުރަށް ވިދާޅުވީ، ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކައުންސިލް އިދާރާއަށް ދުރުވުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.




