ކުރިއަށް އޮތް ސްކޫލް ބަންދުގައި މޯލްޑިވިއަނުން 2000 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓް ކުރަނީ

Kuriah oiy school bandhugai Maldivian in 2000 ah vure gina flight operate kuranee

ކުރިއަށް އޮތް ސްކޫލް ބަންދު ދުވަސްވަރާ ދިމާކޮށް، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން 2000 އަށްވުރެ ގިނަ އެތެރޭގެ އުދުހުންތައް ބޭއްވުމަށް ނިންމައިފިއެވެ. މިއީ އެ ކުންފުނިން އާންމުކޮށް ކުރާ ޝެޑިއުލް ދަތުރުތަކާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެކެވެ.

ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ސީނިއަރ މެނޭޖަރ މާކެޓިން އެންޑް ކޮމިއުނިކޭޝަން ހަސަން ޝާރިޙް އާދަމް ވިދާޅުވީ، ސްކޫލް ބަންދަކީ އެތެރޭގެ އުދުހުންތަކަށް ބޮޑު ޑިމާންޑެއް އޮންނަ ދުވަސްވަރަކަށް ވާތީ، އެ ކުންފުނިން އަންނަނީ ވަރަށް ދުރާލާ ތައްޔާރުވަމުން ކަމަށެވެ. މިގޮތުން އިތުރުކުރެވޭ ފްލައިޓްތަކާއެކު ޖުމްލަ 110,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަތުރުތަކުގެ ތަފްސީލް

ޝާރިޙް ވިދާޅުވި ގޮތުގައި، އާންމު ޝެޑިއުލްގެ ދަށުން 1,700 އަށްވުރެ ގިނަ ފްލައިޓް މިހާރުވެސް ވަނީ މައުންޓްކުރެވިފައެވެ. އަދި ޑިމާންޑަށް ބަލައި އިތުރު 325 އަށްވުރެ ގިނަ ފްލައިޓް ބޭއްވުމަށް ވަނީ ނިންމާފައެވެ. ”އަޅާކޮންމެ 6 ފްލައިޓަކުން 1 ފްލައިޓްވާނީ އެޑިޝަނަލް ފްލައިޓެއްގެ ގޮތަށް. ޝެޑިއުލް ދަތުރުތަކުގެ ތެރޭގައި 91,700 އަށްވުރެ ގިނަ ފަސިންޖަރުން އަދި 18,200 އަށްވުރެ ގިނަ ފަސިންޖަރުން އެޑިޝަނަލް ފްލައިޓްތަކުން އުފުލުމަށް މިވަނީ ތައްޔާރުވެފައި،“ ޝާރިޙް ވިދާޅުވިއެވެ.

މި ދަތުރުތަކަށް މިހާރުވެސް ބުކިން ހެދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި ނިމިދިޔަ އީދު ބަންދުގައިވެސް އެ ކުންފުނިން ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އީދު ބަންދުގައި ޖުމްލަ 1,200 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކޮށް، 65,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވެއެވެ.

ސްކޫލް ބަންދާ ދިމާކޮށް ދަތުރުތައް އިތުރުކުރުމަކީ އަތޮޅުތަކަށް ދަތުރުކުރާ ފަރާތްތަކަށް ލިބޭނެ ބޮޑު ލުޔެކެވެ. މޯލްޑިވިއަނުން އަންނަނީ ކޮންމެ އަހަރެއްގެވެސް ބަންދު ދުވަސްތަކާ ދިމާކޮށް ފްލައިޓްތައް އިތުރުކޮށް، ކަސްޓަމަރުންގެ ބޭނުންތަކަށް ފަހިވާނެހެން އޮޕަރޭޝަންތައް ބައްޓަން ކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments