އެސްޓީއޯގެ ބޭސްފިހާރަތައް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފި

STOge beysfihaarathah state pharmerge dhashah badhalukoh khidhumai dheyn fashaifi

އެސްޓީއޯއިން މީގެ ކުރިން ހިންގަމުން އައި ބޭސްފިހާރަތައް އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް، އެ ކުންފުނީގެ ދަށުން ޚިދުމަތް ދޭން ފަށައިފިއެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މުޅި ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ އެއްގޮތަށް، އެސްޓީއޯގެ ދަށުގައި ހުރި 193 ފާމަސީއެއް މިހާރު ވަނީ ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ، ފާމަސީތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ބޭހުގެ ސްޓޮކް ގުނާ ނިންމާފައިވާ ކަމަށެވެ. އަދި ބޭހުގެ ސްޓޮކް ބެލެހެއްޓުމަށް ބޭނުންވާ ސިސްޓަމްތައް ބަހައްޓައި، އެ ސިސްޓަމްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”ކުރިއަށް އޮތް ދުވަސްތަކުގައި ލައިވްކޮށް ސްޓޮކް އެނގޭނެ. ހުރިހާ ފާމަސީގެ ސިސްޓަމްއާއި ހުރިހާ ރަޖިސްޓްރީތައް ސްޓޭޓް ފާމާގެ ދަށަށް ބަދަލުވާނެ. މިހާރު ކުރަމުންދަނީ އެޑްމިނިސްޓްރޭޝަން މަސައްކަތްތައް،“ ޑރ. ޝާހް މާހިރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެސްޓީއޯއިން ކުރިން އޯޑަރުކޮށްފައިވާ ބޭސްތައް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށާއި، ރާއްޖެއިން މިހާރު ނުލިބޭ ބޭސްތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

ބޭސް ލިބުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރި ދިރާސާތަކުން ދައްކާގޮތުގައި، ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ތެރެއިން އެސްޓީއޯގައި ރަޖިސްޓްރީކޮށްފައިވަނީ އެންމެ 25 އިންސައްތަ ބޭހެވެ. އެހެންކަމުން، މުޅި ނިޒާމަށް ހައްލެއް ގެނައުމަށްޓަކައި އަމިއްލަ ފަރާތްތަކާ ގުޅިގެން ބޭހުގެ އަގުތައް ހިފެހެއްޓުމަށްވެސް ސްޓޭޓް ފާމާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް އެ ކުންފުނިން ކުރަމުންދާއިރު، އެކަމަށް ޚާއްސަ ހޮޓްލައިން ނަންބަރު 1050 ގެ ޚިދުމަތް ވަނީ ފަށާފައެވެ. އާސަންދައިގެ ދަށުން ލިބޭ ބޭހާއި، އާސަންދައިން ނުލިބޭ ބޭސްތައްވެސް އިޖްތިމާޢީ އެހީގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ސްޓޭޓް ފާމާއިން ވަނީ ހަމަޖައްސާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments