ސިނގިރޭޓްގެ ޑިއުޓީ ކުޑަކުރާ ބިލް ރައީސް ތަސްދީގު ކުރައްވައިފި

Cigarettege duty kudakuraa bill raees thasdheeg kurahvaifi

ސިނގިރެޓަކުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ. ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލް މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހު ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި މައިގަނޑު އިސްލާހުތައް

މި އިސްލާހުގެ ދަށުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 30 ޕަސެންޓަށް ބަދަލުކޮށް، ކޮންމެ ސިނގިރޭޓަކުންނާއި ބިޑިއަކުން ނަގާ ޑިއުޓީ 4 ރުފިޔާ އަށް ވަނީ ދަށްކޮށްފައެވެ. މީގެ އިތުރުން ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތައް ނުވަތަ ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްގެ ސްޓިކްއަކުން ނަގާ ޑިއުޓީ ވެސް ވަނީ 4 ރުފިޔާ އަށް ދަށްކޮށްފައެވެ.

މި ގާނޫނަށް ގެނައި އިސްލާހުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުމަށް އެހީތެރިވެދޭ ބާވަތްތަކަށް ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން ”ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރު ކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭނެ“ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ޑިއުޓީ ކުޑަކުރަން ނިންމި ސަބަބު

ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް އެންމެ ފަހުން ބަދަލު ގެނައީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެފަހަރު ސިނގިރޭޓަކުން ނަގާ ޑިއުޓީ 3.30 ރުފިޔާ އިން 8 ރުފިޔާ އަށް ބޮޑުކުރި ނަމަވެސް، މިހާރު 4 ރުފިޔާ އަށް ކުޑަކުރަން ނިންމީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗުއޯ) ގެ ލަފާގެ މަތިން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ ޑިއުޓީ ރޭޓްތައް ހިފަހައްޓާނީ އެއިރެއްގައި ކުރާ ދިރާސާތަކުގެ ނަތީޖާއަށް ބަލައިގެން ކަމަށެވެ.

މި ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން، މިއަދުން ފެށިގެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އިސްލާހު ކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް ސަރުކާރުގެ ގެޒެޓުގައި އާންމު ކުރަން ޖެހޭނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments