ހިތަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް: ފެކްޝަން އެސްސީ އާއި ޓީމް އެޗްއެޗްސީ އިން ފެށުން ރަނގަޅުކޮށްފި

ހިތަދޫ ކައުންސިލްގެ 3 ވަނަ އަންހެން ވޮލީބޯޅަ މުބާރާތް ރޭ ފެށިއިރު، ފެކްޝަން އެސްސީ އާއި ޓީމް އެޗްއެޗްސީ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ފެކްޝަން އެސްސީ އާއި ފެކްޝަން ޗެލެންޖެވެ. މި މެޗު ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ފެކްޝަން އެސްސީ އެވެ. އެ ޓީމުން ސެޓުތައް ކާމިޔާބުކޮށްފައިވަނީ 25-6، 25-11 އަދި 25-5 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެކްޝަން އެސްސީގެ ބިދޭސީ ކުޅުންތެރިޔާ ނިރްމާނީ ސޮލުންޗާނާ އެވެ.
ރޭގެ ދެވަނަ މެޗުގައި ޓީމް އެޗްއެޗްސީ އިން ވަނީ ސީދާ ތިން ސެޓުން އެޗްސީ ކަނބަލުން ބަލިކޮށްފަ އެވެ. ޓީމް އެޗްއެޗްސީ އިން ސެޓުތައް ކާމިޔާބުކުރީ 25-10، 25-11 އަދި 25-10 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް އެޗްއެޗްސީގެ އާމިނަތު ޝަހާ ޝާމިން އެވެ.
މުބާރާތުގެ ފޯރިގަދަ މެޗުތަކެއް މިރޭވެސް ކުޅެވިގެން ދާނެ އެވެ. އެގޮތުން، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރޭ މޮޅުވި ދެ ޓީމު ކަމަށްވާ ފެކްޝަން އެސްސީ އާއި ޓީމް އެޗްއެޗްސީ އެވެ. ދެވަނަ މެޗުގައި ފެކްޝަން ޗެލެންޖު ނިކުންނާނީ އެޗްއެޗްސީ ކަނބަލުންނާ ދެކޮޅަ ށެވެ.