ރަށްރަށުގައި ބޭސް ލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި
Rahrashugai beys libumah dhimaavaa dhathithah dhenegathumah statepharma in silsilaa bahdhaluvunthakeh fashaifi

ރަށްރަށުގައި ބޭސް ލިބުމުގައި ދިމާވާ ދަތިތައް ދެނެގަތުމަށްޓަކައި ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑު (ސްޓޭޓްފާމާ) އިން ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން އެ ކުންފުނީގެ އިސްވެރިން މިހާރު ދަނީ އަތޮޅުތަކުގެ ކައުންސިލްތަކާ ބައްދަލުކުރަމުންނެވެ.
މި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޝާހު މާހިރު އާއި ކުންފުނީގެ މެނޭޖްމެންޓުން މިއަދު ވަނީ ބ. އޭދަފުށީ ކައުންސިލާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި އޭދަފުށީގައި ބޭސް ލިބުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
ސްޓޭޓްފާމާއިން މައުލޫމާތު ދިން ގޮތުގައި، ކައުންސިލުން ވަނީ ބޭސް ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން، ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށް ބޭސް ހޯދުމުގައި ދިމާވާ ކަންބޮޑުވުންތައް ކުންފުނީގެ މެނޭޖްމެންޓާ ހިއްސާކޮށްފައެވެ. މިއީ ރަށްރަށުގެ ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން ކައުންސިލުން ފާހަގަކުރިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީ ޝާހު މާހިރު ވިދާޅުވީ، ރައްޔިތުންގެ މި ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އެގޮތުން، ކުންފުނިން ގެންގުޅޭ ހާއްސަ ޕްލޭނުގެ މައުލޫމާތު ހިއްސާކުރައްވަމުން، ރައްޔިތުންނަށް ކޮލެޓީ ރަނގަޅު ބޭސް ހަރުދަނާ ނިޒާމެއްގެ ދަށުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މީގެ އިތުރުން، ކައުންސިލްތައް މެދުވެރިކޮށް ރަށުގެ ރައްޔިތުންނަށް ސްޓޭޓްފާމާއިން ދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ރައްޔިތުން އަހުލުވެރިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. ސްޓޭޓްފާމާގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ފަސޭހަކަމާއެކު ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.



